ރާއްޖޭގައި ކޮވިޑް-19 ގެ ވޭދަނަތައް ގިނަވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމާ ބެހޭ ގޮތުން ގޮތެއް ނިންމަން މާދަމާ ބައްދަލުވުމެއް ބާއްވާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އޮމިކްރޮން ވޭރިއެންޓާއެކު ބައްޔަށް ފައްސިވާ މީހުންގެ އަދަދު އުޅެނީ ރިކޯޑް އަދަދަކަށް މަތީގައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ހާހަކާ ގާތް ކުރެއެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މީގެކުރިން ވެސް ފިޔަވަޅުތަކެއް އަޅައިފައެވެ. އަދި ކަރަންޓީނާ ޓެސްޓު ކުރުމުގެ އުސޫލަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

މިނިސްޓަރު ނަސީމް "ވަގުތު"އަށް ވިދާޅުވީ އޮމިކްރޮން ވޭރިއެންޓު "ލާސްޓް" ވަނީ ފަސް ދުވަހުގެ ނިޔަލަށް ކަމަށެވެ. އެކަމަކު މި ވޭރިއެންޓު ފެތުރޭ މިންވަރު މާ ބޮޑަށްވެސް ހަލުވި ކަމަށާއި ބަލި ކޮންޓްރޯލް ކުރުމަށް އިތުރަށް އެޅިދާނެ ފިޔަވަޅުތަތައް އެޗްޕީއޭއިން ބަލަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އަޅާނެ ފިޔަވަޅުތައް ނިންމަން ޑޮކްޓަރުންގެ ޓީމާއެކު ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.

"މާދަމާ އޮންނާނެ ބައްދަލުވުމެއް. އެ ބައްދަލުވުމުގައި އިތުރަށް އަޅާނެ ފިޔަވަޅުތައް ނިންމާނެ" ނަސީމް ވިދާޅުވިއެވެ.

އެކަމަކު މަޝްވަރާ ކުރާނީ ކޮން ކަމަކާއި ގުޅޭ ގޮތުން ކަމެއް ވިދާޅެއް ނުވެއެވެ.

ފައްސިވާ އަދަދުތައް މަތިވާމުންދާއިރު މާލެ ސަރަހައްދުގައި ކާފިޔު ހިންގުމާއި މެދު ގޮތެއް ނިންމާފައިވޭތޯ ސުވާލު ކުރުމުން ނަސީމް ވިދާޅުވީ އަދި އެފަދަ އެއްވެސް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އަދި ސަރުކާރުން އަމަލުކުރަމުން ގެންދާނީ ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ކަމަށް ވިދާލުވިއެވެ.

"ޓެގް ޓީމުންވެސް ލަފާދީފައެއް ނުވޭ ކާފިއު ހިންގަން އަދި މިހާތަނަށް އެކަހަލަ (ކާފިއު ހިންގަން) ވިސްނުމެއް ނުވެސް ގެންގުޅެން" އޭނާ ވިދާޅުވިއެވެ.

ނަސީމް ބާރު އެޅުއްވީ ބަލިން ރައްކާތެރިވާން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށެވެ. ފަރުދީ ޒިންމާ އަދާކޮށް ހުރިހާ އެންމެންވެސް މާސްކު އަޅަން މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

ކޮވިޑް-19 ގެ އަދަދުތައް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މައްޗަށް ޖެހި މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ކޮވިޑްގެ "ޕީކެއް" އަންނާނެ ކަމުގެ އިންޒާރު ސިއްހީ މާހިރުން ވަނީ ދީފައެވެ. ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދުވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެދާނެ ކަމަށް މިހާރު ވަނީ ލަފާކޮށްފައެވެ.

އެޗްޕީއޭއިން ބުނާގޮތުން އެެންމެ ގޯސް ހާލަތަށްވެސް އެ އެޖެންސީ އޮތީ ތައްޔާރަށެވެ. ކޮވިޑް މެނޭޖްކުރަން އެކުލަވާލާފައިވާ އެޗްއީއޯސީގެ މަސައްކަތް ފުޅާކޮށް އެތަނަށް ބޭނުންވާ ވޮލެންޓިއަރުން ހޯދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އެޗްޕީއޭއިން ބުނީ އެންމެ ގޯސް ހާލަތުގައި އަމަލުކުރާނީ މީގެ ކުރިން އައި "ޕީކް" ތަކުގައި ލިބުނު ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަވާސާ އިބޫ

    ކޮވިޑް-19: އިތުރު ފިޔަވަޅުތައް އެޅުމަށް ވުރެން ތިމާއަމިއްލައަށް މާސްކުއަޅަން ދަސްކުރަންވީނުން ނަސީމުއަކީ ތިޔަ މަގާމަށް ކުފޫހަމަވާ މީހެއްނޫން މިހާރުވެސް ވީ ކޮމަންޑޫ ދާއިރާގެ ގޮމންޑި އެމްޑި÷އަށް ކާމިޔާބުކުރަން ކެންޕެއިނުގައި މާލޭގެ ހާލަތު އޮތީ ގޯސްކޮށްލާފައި ސަރުކާރުން އާއަހަރު ފާހަގަކޮށްގެން !

  2. މަގޭ ޚިޔާލު

    ގައުމަށް ބޭނުންވަނީ ތެދުވެރި އިޚުލާސްތެރި އަޒުމު ނުގުޑާ ފަދަ ވެރިއެކެވެ. ކީރިތި ކުރައްވާ މަހާރަދެއް ނޫނެވެ.

  3. Anonymous

    އެންމެ ބޮޑަށް ފެތުރޭނީ ސްކޫލްދޮށަށް އެއްވާ ބެލެނިވެރިންގެ ތެރޭގައި އަދި ސްކޫލަށްދާ ކުދިންގެ ތެރޭގައި. ސްކޫލްތައް ބަންދުކުރުން ވަރަށް މުހިންމު. ކުއްޖަކު މަރުވީމާ ނޫން ތެޅިގަންނާނީ.

    8
    3