ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވަމުން ދިޔަ ނަމަވެސް އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ލަސްކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ނެތް ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ރެކޯޑު ނިސްބަތަކަށް އިތުރުވެފައިވާތީ އެކަމާއި ގުޅިގެން "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އިންތިހާބު ފަސްކުރުމަކީ އިލެކްޝަންސް ކޮމިޝަނަށް އޮތް އިހްތިޔާރެއް ނޫން ކަމަށެވެ.

މިގޮތުން އިންތިހާބުތަކުގެ ގާނޫނުގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމުގައި ވާނަމަ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭކަމަށް ފުވާދު ފާހަގަ ކުރެއްވިއެވެ.

"އިންތިހާބުތަކާއި ބެހޭ ގާނޫނޫގައިވާ ގޮތުން ރައްޔިތުންގެ މަޖިލިސްގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވާ އެ މަގާމަށް މީހަކު ހޮވަން ވާނެ ކަމަށް. އެހެންވެ އިންތިހާބު ފަސްކުރުމަކީ އިލެކްޝަންސް ކޮމިޝަނަށް އޮތް ޗޮއިސެއް ނޫން އިނގޭތޯ" އޭނާ ވިދާޅުވިއެވެ.

އިންތިޚާބު ފަސްކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ގާނޫނަށް އިސްލާހު ގެނެސްގެން ކަން ފުއާދު ފާހަގަ ކުރެއްވިއެވެ. އަދި ސިއްޚީ ބަލިމަޑުކަމަކާއި ގުޅޭ ކަމަކަށް ވުމުން އޭގައި ގޮތް ނިންމޭނީ އެޗްޕީއޭއިން ދޭ ލަފައެއްގެ މަތިން ކަމަށް ފުއާދު ވިދާޅުވިއެވެ.

އިންތިހާބު ފަސްކުރެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއިރު ރާއްޖޭގެ ކޮވިޑުގެ ހާލަތު މިހާރު ވަނީ ގޯސްވެފައެވެ. އިއްޔެ އެކަނި ވެސް ރާއްޖެއިން ރިކޯޑު އަދަދަކަށް މީހުން ކޮވިޑަށް ފައްސިވެފައިވާއިރު މިހާރު ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދުތައް ހުރީ 1000 އިން މަތީގައެވެ.

މީގެ ކުރިން ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވެގެން ދިޔައީ މިދިޔަ އަހަރުގެ މެއި މަހުއެވެ. އޭރު އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވީ މެއި 20 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެ އިން ކޮވިޑަށް ފައްސިވީ 2،194 މީހުންނެވެ. އެ ދުވަސް ވަރު ވެސް އެލާޓް ލެވަލް ހުރީ ރަތުގައެވެ. މިހާރު އަނެއްކާވެސް ކޮވިޑުގެ ހާލަތު ގޯސްވެފައިވަނީ އައު ވޭރިންޓްތައް ފެތުރެން ފެށުމާއި ގުޅިގެންނެވެ.

އެހެން ނަމަވެސް ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީންނާއި، އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް އަދި އަލަށް އުފައްދާފައިވާ އެމްއެންޕީން ވެސް އަންނަނީ އެ ރަށްރަށުގައި ކެމްޕޭން ހަރަކާތްތައް ކުރިޔަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޯޑް

    އެކަމަކު ރިޔާސީ އިންތިޚާބު ފަސްކުރީ ގާނޫނަށް ބަދަލު ގެނެސް ގެނެއްނޫން.

  2. ތިނަދޫ ރަށުކައުންސިލްގެ ކުރީގެ މެންބަރެއް

    ގާނޫނަށް އިސްލާހު ގެނެސްގެން ވެސް ގދ.ތިނަދޫ އަށް މޭޔަރަކު ހަމަޖައްސަން އެބަޖެހޭ މޭޔަ ރުކަން ނުލިބިގެނަ މީހަކު ދުނިޔޭން އެބަމޮޔަވޭ ވިއްޔާ