ކޮވިޑް-19 އން ރަނގަޅުވާ ކުދިންނަށް ޖެހޭ ނުރައްކާތެރި ބަލި ކަމަށްވާ މަލްޓިސިސްޓަމް އިންފްލްމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރަން (މިސް-ސީ) ބަލި އަނެއްކާ ވެސް ރާއްޖޭން ފެނިއްޖެއެވެ.

ރާއްޖޭން އަނެއްކާ ވެސް މި ބަލީގެ ވޭދަނައެއް ފެނިފައިވާކަން ހާމަ ކޮށްފައިވަނީ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލްއެވެ.

ރާއްޖޭން އެންމެ ފުރަތަމަ ކުޑަކުދިންގެ ފުރާނައަށް ނުރައްކާ މިސްކުގެ ވޭދަނައެއް ފެނިފައިވަނީ މިދިޔަ އަހަރުއެވެ. އެއީ ކޮވިޑްގެ ދެވަނަ ރާޅުގެ ތެރޭގައެވެ. އޭރު މި ބަލި ހަތް ކުދިންނަށް ވަނީ ޖެހިފައެވެ. ފައިސަލް ވިދާޅުވީ، އެ ބަލި ޖެހެނީ ކޮވިޑުން ރަނގަޅުވާތާ 4-2 ހަފްތާގެ ތެރޭގައި ކަމަށާއި އާންމުކޮށް ބަލި ޖެހެނީ 10-3 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ކަމަށެވެ.

ފައިސަލް މިއަދު ކުރެއްވި ޓުވިޓެއްގައި ވަނީ ރާއްޖޭގެ ރަށަކުން މިސްކު ބަލީގެ ވޭދަނައެއް ފެނިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ބަލި ޖެހިފައިވަނީ ޑިސެމްބަރު މަހުގެ ތެރޭގައި ކޮވިޑް ޖެހުނު ކުއްޖަކަށް ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. މިއީ އަތޮޅު ތެރޭގެ ރަށަކުން މިސްކު ބަލި ފެނުނު ފުރަތަމަ ފަހަރެވެ.

"ހަތަރު ދުވަސް ކުރިން ހުން އައިސް ހޮޑުލާ ބަނޑުދިޔާވެ، އެންމެ ފަހުން ލޭގެ ޕްރެޝަރު ދަށްވީ" ފައިސަލް ވިދާޅުވިއެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަ ހުމާ އެކު ކަރާއި ގައިގައި ރިއްސުމާއި، ހޮޑުލުން އަދި ލޭގެ ޕުރެޝަރު ދަށްވުން ފަދަ ކަންކަން ހިމެނޭ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި އަތާއި ފައި އަދި ހަށިގަނޑު ރަތްވުމާއި އަތާއި ފައި ދުޅަވުމުގެ އިތުރުން އަތާއި ފައިން ހަންފޮޅުން ފަދަ އަލާމާތްތައް ވެސް މި ބަލީގައި ފެންނަ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތިހާ ނުރައްކާތެރި ބަލިތައް ފެތުރޭއިރު ސްކޫލްތަކަށް ކުޑަކުދިން ގެންގޮސްގެން އުޅުނީމާ ބަލި ފެތުރުން އިތުރުނުވާނެތޯއެވެ؟