ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން އައި ފަހުން އިންޑިއާ ސަރުކާރުން ރާއްޖެ އަށް 20 ބިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވި ނަމަވެސް އެއަދަދަށް އިންޑިއާ އިން ރާއްޖެ އަށް ހިލޭ އެހީ ދީފައިވާކަން ތަފާސް ހިސާބުތަކުން ނުދައްކާކަން ފާހަގަ ކުރެވިއްޖެއެވެ.

މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް، އެމްޑީޕީން ށ.މަރޮށީގައި ބޭއްވި ކަންމަތީ ޖަލްސާގައި ޝިޔާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން އައި ފަހުން އިންޑިއާ ސަރުކާރުން ރާއްޖެ އަށް 20 ބިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް 20 ބިލިއަން ރުފިޔާ މަދީތޯ ޝިޔާން ވަނީ އެއްވެ ތިބި މީހުން އަރިހުން ސުވާލު ކުރައްވައިފައެވެ.

އިންޑިއާ އިން ރާއްޖެ އަށް 20 ބިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވާ ކަމަށް ޝިޔާން ވިދާޅުވި ނަމަވެސް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު އިންޑިއާއިން ދިން ހިލޭ އެހީގެ އަދަދު 200 މިލިއަން ރުފިޔާއަށްވެސް ނާރައެވެ. ނަމަވެސް އިންޑިޔާއިން މިހާތަނަށް 1.85 ބިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށް އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. އެއީ ގާތްގަނޑަކަށް 28 ބިލިއަން ރުފިޔާއެވެ.

އިންޑިއާ އިން ރާއްޖެ އަށް ދޭން ވައުދު ވެފައިވާ ހިލޭ އެހީގެ އަދަދު ގިނައެވެ. އިންޑިއާ އިން ވަނީ ތިލަމާލެ ބުރިޖަށް 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން ވައުދުވެފައެވެ. އަދި އިންޑިއާ އިން ލައިން އޮފް ކްރެޑިޓްގެ ދަށުން ބަޖެޓް ސަޕޯޓަށް ދީފައިވާ 250 މިލިއަން ޑޮލަރު ހިލޭ އެހީއަށް ބަދަލު ކޮށްދޭނެ ކަމަށް ވެސް އިންޑިއާ އިން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެ އަށް ލިބުނު ހުރިހާ ހިލޭ އެހީއެއްގެ އަދަދު ވެސް 20 ބިލިއަން ރުފިޔާ އަށް ނާރައެވެ.

ފިނޭންސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 916.2 މިލިއަން ރުފިޔާއެވެ. އޭގެ ކުރިން 2020 ވަނަ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބުނީ 853.9 މިލިއަން ރުފިޔާ އެވެ. 2019 ވަނަ ހިލޭ އެހީގެ ގޮތުގައި 1136.4 މިލިއަން ރުފިޔާ ލިބުނެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރ 18 ވަނަ ދުވަހުން ފެށިގެން އެއަހަރުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 64.3 މިލިއަން ރުފިޔާއެވެ. އެހެންކަމުން ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އަދި މިހާތަނަށް ރާއްޖެ އަށް ހުރިހާ ގޮތަކުން ލިބުނު ހިލޭ އެހީގެ ޖުމްލަ އަދަދު އަރަނީ 2.9 ބިލިއަން ރުފިޔާ އަށެވެ.

އިންޑިއާ އިން ރާއްޖެ އަށް 20 ބިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވާ ކަމަށް ޝިޔާން ވިދާޅުވުމުން ގިނަ ބަޔަކު އަންނަނީ އޭނާ އަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބޮލުރޮދި

    ބޮލުރޮދި ކެދިކެޱިފަ ތިބޭމީހުން ފެނެއެންނު

    25
  2. ޙަނދުކޭތަ

    ލޮލް ތޮއްޓޫ ވަނދުކަރާ މިބައިގަނޑު ރޯމާ ދުވާލުވެސް މިހިރަހަދާލާ ދޮގުތަކެއްދޯ މާތްﷲ އައް ބިރުވެތިވެސްވާން ނޭންގޭ އާލަތްވަރެއް އިންޑިޔާ އަޢުޓް

    27
  3. މަތަރަސް

    މިކަލޭގެ މިހިރީ ހަމަހޭގަތަ މިލިއަން ބިލިޔަންނޭގޭމެންބަރުތިބީމާ ދެން ހަކުރުކެއްކީމާ ވާނީ ދިޔާހަކުރައް ދެންބޯނީ ސައިބޯހަކުރުން ފެންވަރަނީ މިމެންބަރު؟؟

  4. ޚިކްމަތުޔާރު

    ތިޔަބުނާ ލާރިގަނޑު ހޯދުމަށް ތިބޭހުޅާގެ ޔައުނީ ގިޓާބެގެ ފައިކޭޓު ބަލަން ސުބުރީމް ކޯޓުން އަމުރުކުރަން ޖެހޭ ކަމަށް ފެނޭ .

  5. ރަދީފް

    ބޮނޑަ ވަގަ ގިޓާ.

  6. އަހުމަދު

    ތޮއްޑޫ މީހުންގެ ކަރާ ވިޔަފާރިވެސް ހަލާކުކުރީ އިންޑިއާމީުން

  7. ރަދީފް ހުސެން

    ލާރި ލިބެންޔާ ކޮންމެ ގޮތެއްވެސް ވަރިހަމަ ވާމީހުން މައިމީހާޔާ، ދަރިންކޮޅާ، އަނބިމީހާވެސް ވިއްކާލަން ޖެހިލުމެއްނުވާނެ