ބޭރުގެ އަސްކަރިއްޔާ ރާއްޖޭގައި ތިބެގެން ވާނެ ގެއްލުމެއްނެތް ކަމަށް ބުނާބުނުމަކީ ކޮސްގޮވުން ކަމަށް ވިދާޅުވެ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ހުސެއިން ވަހީދު، މިހާރު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ރައްދު ދެއްވައިފިއެވެ.

ދިވެހި ބަހުގެ ރަދީފު ބުނާ ގޮތުން ކޮސް ގޮވުމުގެ މާނައަކީ ތާކުންތާކު ނުޖެހޭ ވާހަކަ ދެއްކުމެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު މިހާރުގެ ޕޮލިސް ކޮމިޝަނަރަށް ރައްދު ދެއްވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ވާނެ ގެއްލުމެއް ނެތް ކަމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވުމުންނެވެ.

ހުސެއިން ވަހީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލު ކުރާ ގޮތުން އެހެން ގައުމުތަކުގެ އަސްކަރިއްޔާތައް ގައުމުތަކުގައި ވަޒަންވެރި ކުރުވުމުން ލިބޭ ފައިދާ އަށް ވުރެ ވާ ގެއްލުން ބޮޑު ކަމަށެވެ. އެކަމުން ދިވެހިރާއްޖެ އިސްތިސްނާ އެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުސެއިން ވަހީދު ވިދާޅުވީ ބޭރުގެ އަސްކަރިއްޔާގެ ސަބަބުން ލިބޭ ގެއްލުންތައް ފުރަތަމަ ކޮޅު "ތިއްތިކުރަން" އުޅުމަކީ އެކަމުގެ ނުރަގަޅު އަސަރު ގައުމަށް ނުކުރާނެ ކަމަށް ދޭހަ ވުމެއް ނޫން ކަމަށެވެ. އަދި އެއީ ނޭނގިގެން ދައްކާ ވާހަކައެއްވެސް ނޫން ކަމަށާއި އެއީ ބަޔަކު މަޖުބޫރީ ހާލަތަށް ބަދަލުވީމަ އަނގައިން ނިކުންނަ ބަސްތަކެއް ކަމަށް ހުސެއިން ވަހީދު ވިދާޅުވިއެވެ.

"ދޮން ދުނބުރި ދޮން އަނބަކަށް ހަދަން އުޅުމަކީ އަމިއްލަ ނަފުސަށް އޮޅުވާލަން ކުރާ މަސައްކަތެއް. ދިވެހިރާއްޖެ އަށް ފާގަތި މުސްތަގުބަލެއް އޮތީ ދިވެހިރާއްޖެ އަކީ ދިވެހިންގެ ތަނެއްކަން ހިތުގެ އަޑިން ބަލައިގަނެ ގަބޫލު ކޮށްގެން. ބޭރުގެ އަސްކަރިއްޔާ ރާއްޖޭގައި ތިބެގެން ވާނެ ގެއްލުމެއްނެތް ކަމަށް ބުނާބުނުމަކީ ކޮސްގޮވުން. ބޭރުގެ އަސްކަރިއްޔާ ވަޒަންވެރިވުމާއި ވަޒަންވެރި ކުރުވުމާއި ދެކޮޅަށް ބަސް ބުނުމަކީ ގައުމީ ވާޖިބެއް، ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް." ހުސެއިން ވަހީދު ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕެއިނާ ގުޅިގެން ރާއްޖެއަށް ލިބޭ ގެއްލުން ދިރާސާ ކުރުމަށް 241 ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ދާހިލީ ސަލާމަތަށް ނުރަނގަޅު އަސަރު ކުރާ ކަމަށެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން ފާހަގަކުރާ ގޮތަށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން ނުރައްކަލެއް އޮތް ކަމަކަށް ފާހަގަ ނުކުރެވޭ ކަމަށް ސީޕީ ވިދާޅުވި އެވެ.

އިންޑިއާގެ ސިފައިން ދާހިލީ ކަމަކަށް ބުރޫ އަރާފާނެ އަމަލުތަކެއް ހިންގާ ކަމެއް ފެނިފައި ނެތް ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހަޔަސިންތއ

    ހުސެން އެވިދާުލުވީ ހަގީ ތެދެއް ޅޮސް ކޮހެއް އެއީ

    8
    1
  2. އަލްޖިބްރާ

    ދެން ކަލޭމެންގެ ބާރު އޮތްއިރު އެމީހުން ނުބޭލީ ކަލޭ ކޮހަކަށް ވީމަދޯ ؟

    1
    12
  3. tetinal

    boagalhi CP

  4. ތައްހާން

    މި ހުސައިން ވަހީދުގެ ދުލުން ހެޔޮއެއްޗެއްކީ އަޑުއެހި މީހަކުވޭބާ

    11
  5. ބުރުހާން

    އެކަމަކު މީގެ ގަރުނެއްކުރިން ފުލުހުންގެ ޔުނިފޯމް އެޅިމީހަކު އެޔުނިފޯމުގަ އިން ޕޮޓޮއެއް މިހާރުލާފަ އެއްޗެއްބުނީމާ ގިނަބަޔަކު ގަބޫލުކުރާނެކަމަށް ދެއްކުމަކީވެސް ކޮސްގޮވުން

    10
  6. ބަގަޅޯ

    މީހާގެ ފެންވަރު މެށާރ ކުރާނާ އޭނާ ދޫކުރި ކަމަކުން، ފުލުންގެ ތެރޭގައިވެސް ގޯސް، މިހާރު ޗެނަލް 13 ދާމިސްރާބު ބަލާލީމާ އެނަގޭނެ މީގެ ހަގީގަތް، ވަރަށް ސަލާމް

  7. ބާނީ

    މީދެން ކާކުތައް...............؟ ޤަެުމުގެ ލާރިކަންޑުކައިފާ

    1
    10
  8. Happy 123

    ކޮބާ ލާރި ދަބަސް.. ހުސްވީތަ!😡

  9. ޢަބްދުއްލަޠީފު

    އެމްޑީޕީ ބޮޓުން ހާދަފޯރިއެއް އެބަހުއްޓޭ. އިންޑިޔާ މިލިޓަރީ އައުޓް.