އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ނިންމަވައިފިއެވެ.

އިންތި އަކީ މިހާރު ެވސް ވެރިކަންކުރާ އެމްޑީޕީގެ ތަރުޖަމާނެވެ. އޭނާ މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވަމުން އެގެންދަވަނީ ތިން ވަނަ ދައުރު އެވެ.

އިންތި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް އޭނާ ވަނީ ރޭ މެންދަމު އެކަން ކަށަވަރު ކޮށްދެއްވާ ޓްވީޓެއް ކުރައްވާފައެވެ. އިންތިގެ ޓްވީޓްގައި ވިދާޅުވީ "އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް އަޅުގަނޑު ނިންމައިފިން," ކަމަށެވެ.

އިންތި އަކީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެ ކަން އަދި މިހާތަނަށް ރަސްމީކޮށް އިއުލާން ކުރެއްވި ހަމައެކަނި ބޭފުޅާއެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް އެ މަގާމަށް ވާދަކުރައްވަން ވަނީ ނިންމަވާފައިވާ ކަމަށް އެބޭފުޅުންގެ އަރިސް ބޭފުޅުން މީޑިއާ އަށް ކަށަވަރު ކޮށްދެއްވާފައެވެވެ. މިނިސްޓަރ ފައްޔާޒް ވެސް އަދި އަމްރު ވެސް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވުމާއި ގުޅޭ ގޮތުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

މެންބަރު އިންތި އާއި އެސްޓީއޯ އެމްޑީ އަމްރަކީ ރައީސް ނަޝީދުގެ ގާތް ދެބޭފުޅުންނެވެ. ނަމަވެސް މިނިސްޓަރ ފައްޔާޒާއި ރައީސް ނަޝީދުގެ ގުޅުން ރަނގަޅެއް ނޫނެވެ. ފައްޔާޒަކީ ރައީސް ސޯލިހް ފެކްޝަންގެ އެންމެ ސީނިއާ އެއްބޭފުޅާއެވެ.

އެޕްރީލް 16 ގައި ބާއްވާ ޗެއާޕާސަންގެ އިމްތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލާފައެވެ. އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ ފެބްރުއަރީ 19، ގެ 16:00 އަށެވެ. ކެންޑިޑޭޓުންގެ ނަންތައް ފެބްރުއަރީ 22، ގައި އިއުލާނުކުރާނެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގައި ހުންނެވި ހަސަން ލަތީފްގެ ދައުރު އިއްޔެ ވަނީ ހަމަވެފައެވެ.