އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރަނީ ކާމިޔާބުވާނެ ހުރިހާ ހިސާބުތަކެއް ޖެއްސެވުމަށް ފަހު އެހާ ބޮޑު ޔަގީންކަމެއް އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެއެވެ.

ވާދަވެރިވާނެ ކަމަށް ބެލެވޭ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާނެކަން އިންތި ހާމަކުރައްވާފައިވަނީ ރޭގެ ވަގުތެއްގައި, ޓްވީޓާ މެދުވެރިކޮށެވެ.

އެމްޑީޕީގެ ތަރުޖަމާނުގެ މަގާމު އަދާކުރައްވަމުން ގެންދަވާ އިންތި "ވަގުތު"އަށް މިއަދު ވިދާޅުވީ ޗެއާޕާސަންގެ އިންތިހާބަށް ނިކުތީ ޕާޓީގެ ސަޕޯޓަރުންނާއި މެމްބަރުން އެކަމަށް އެދެމުންދާތީ ކަމަށެވެ. އެމްޑީޕީގެ އެތެރޭގެ މަގާމުތަކަކީ ވާދަވެރިކަން ބޮޑު މަގާމުތަކަކަށްވާތީވެ އެފަދަ މަގާމުތަކަށް ވާދަކުރައްވަން އަބަދުވެސް ބޭނުންވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ކުރީގެ ޑެޕިއުޓީ ޕީޖީކަންވެސް ކުރައްވާފައިވާ އިންތި ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާއިރު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތެވެ.

"އެކަންކަން ނިންމަނީ އާއްމު މެމްމަބަރުން. ވަރަށް ގިނަ ގޮތް ގޮތުން، ކާމިޔާބުވާނެ ހުރިހާ ފޯމިއުލާއެއް ބެލުމަށް ފަހު މި ނުކުތީ. އާއްމު މެމްބަރުންގެ ހުރިހާ ހިސާބު ޖެހުމަށް ފަހު މިނިކުތީ" އިންތި ވިދާޅުވިއެވެ. އެމްޑީޕީގެ ޗެއާޕަސަންގެ މަގާމުގެ ދައުރަކީ ފަސް އަހަރެވެ.

މީގެ ކުރިން ޗެއާޕާސަން ކަމުގައި ހުންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ދައުރު ހަމަވީ އިއްޔެއެވެ. އމްޑީޕީން އިއްޔެ ނެރުނުގައި ބަޔާނެއްގައި ބުނީ މިދިއަ ސަރުކާރުގެ "ހުދުމުހުތާރު" އަނިޔާވެރިކަމުގެ ތެރޭގައި ވެސް އެ ޕާޓީ ރުކުރުވާލައި، ސިޔާސީ ހަރަކާތްތައް އެންމެ މަތީ ދަރަޖައަކަށް އިންތިޒާމްކޮށްދެއްވައި ސާބިތުކަން ހިފަހައްޓަވާދެއްވުމުގައި ޗެއާޕާސަންގެ ހައިސިއްޔަތުން ހަސަން ލަތީފް ލީޑާޝިޕް ދައްކުވައިދެއްވާފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް އެ މަގާމަށް ވާދަކުރައްވަން ވަނީ ނިންމަވާފައިވާ ކަމަށް އެބޭފުޅުންގެ އަރިސް ބޭފުޅުން މީޑިއާ އަށް ކަށަވަރު ކޮށްދެއްވާފައެވެ. މިނިސްޓަރ ފައްޔާޒް ވެސް އަދި އަމްރު ވެސް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވުމާއި ގުޅޭ ގޮތުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އެޕްރީލް 16 ގައި ބާއްވާ ޗެއާޕާސަންގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލާފައެވެ. އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ ފެބްރުއަރީ 19، ގެ 16:00 އަށެވެ. ކެންޑިޑޭޓުންގެ ނަންތައް ފެބްރުއަރީ 22، ގައި އިއުލާނުކުރާނެއެވެ.