ހިންމަފުށީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ކުޑަ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

ކ. ހިންމަފުށީގެ އައްސޭރި ޖަލަށް އެތެރެކުރަން އުޅުނުކަމަށް ބެލެވޭ ތަކެއްޗާއި އެކު 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރު ކުރީ އައްސޭރި ޖަލަށް އެއްޗެހިތަކެއް އެތެރެކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާާއި ގުޅިގެން ހިންމަފުށީގެ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ޖުލައި 11 ވަނަ ދުވަހުގެ 16:40 ހާއިރު ހިންގި އޮޕަރޭޝަނެއްގައެވެ.

އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހޯދި އިރު ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި އަޅާފާހުރި ސެލޯފިންކޮޅާއި ދެފޯނާއި، މެމޮރީ ކާޑާއި އަދި ޕެން ޑްރައިވް ވެސް އެކުއްޖާގެ އަތުގައި އޮތް ފޮއްޓެއްގެ ތެރެއިން ހޯދާފައިވެއެވެ.

އެމައްސަލަ ކ. ހިންމަފުށީ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިން ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް އެތެރެކުރަން އުޅުނު ފޯނުތަކަކާއި، ބައެއް ސާމާނު ހޯދައި މީހަކު ވަނީ ހައްޔަރުކޮށްފައެވެ.