ޅ. ހިންނަވަރުގައި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް އަންނަ މަހު ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

ހިންނަވަރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ހިންނަވަރުގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށެވެ. އަދި އެ މަސައްކަތް މިހާރު އޮތީ ޓެންޑަ މަރުހަލާގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިންނަވަރުގައި ސަރުކާރުން ތަރައްގީކުރުމަށް ނިންމާފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

ރައީސް ވިދާޅުވީ ވިދާޅުވީ މި މަޝްރޫއުގެ ޓެންޑަ މަރުހަލާ މި މަހުގެ 28 ވަނަ ދުވަހު ނިމޭނެ ކަމަށެވެ. އަދި އެ މަސައްކަތް ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ނިންމަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

"ހޮސްޕިޓަލް ނިންމަން އަޅުގަނޑަށް އޮތީ ދެ އަހަރު ލިބިފައި. އެކަމަކު އަޅުގަނޑަށް ދިގު އެވަރުގެ ހޮސްޕިޓަލެއް ނިންމަން އޮތް މުއްދަތު. މިދައްކަނީ 30 އެނދުގެ ވާހަކަ. އެވަރުގެ ހޮސްޕިޓަލެއް ނިންމަން ދިގު މުއްދަތެއް ކަމަށް ގަބޫލުކުރެވެނީ. ޕްލޭނިން މިނިސްޓަރާ ވާހަކަ ދައްކާފައިވާނެ މަޝްރޫއު އަވަސްކުރަން. އެކަމަށް ހައްލު ލިބޭނެ." އުފަން ރަށުގައި ހުންނަވައި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ލާމަރުކަޒުކޮށް، ރާއްޖޭގެ 60 ރަށެއްގެ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން މިއަހަރުގެ ބަޖެޓުގައި 448 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު ހއ. އިހަވަންދޫ، ނ. ކެނދިކުޅުދޫ އަދި ޅ. ހިންނަވަރު ގައި ހޮސްޕިޓަލެއް އެޅުމަށް ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ. މިތިން ރަށުގައި ހޮސްޕިޓަލް އެޅުމަކީ މިސަރުކާރުގެ ރިޔާސީ ވައުދަކަށްވާއިރު މިއަހަރުގެ ބަޖެޓްގައިވެސް މިތިން ރަށުގައި ހޮސްޕިޓަލު އެޅުމަށް ހިމަނާފައިވެއެވެ.

ހޮސްޕިޓަލްތައް ތަރައްގީ ކުރުމުގެ މަސައްކަތް މިސަރުކާރުން ކުރަމުން އަންނައިރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމަކީ މިސަރުކާރުގެ ވައުދެކެވެ.