ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޅ. ހިންނަވަރު ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ.

ހިންނަވަރު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ހިންނަވަރު ކައުންސިލަރުން ވަނީ ރަށުގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާކަން ފާހަގަ ކުރައްވައިފައެވެ. އަދި ކައުންސިލުން ވަނީ ކައުންސިލާ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި ކައުންސިލުގެ ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވައިފައެވެ.

ހިންނަވަރުގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫއަކީ އެ ރަށު މަގު ޒަމާނީ ފެންވަރަށް ހެދުމެވެ.

ކައުންސިލުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި ހިންނަވަރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ކައުންސިލާއި ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތައް ރައީސްއާ ހިއްސާ ކުރެއްވުމާއި ސްކޫލްގެ އިމާރާތް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

އަދި ސްކޫލަށް ބޭނުންވާ އިންސާނީ ވަސީލަތައް ހަމަޖެއްސުމުގައި ހުރި ދަތިތަކާއި ރަށުގައި ބޭންކުގެ ބްރާންޗެއް ގާއިމުކުރުމާއި މަޝްރޫއުތައް ފެށުމަށްފަހު ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔުމަށް ރައީސަށް ދެންނެވުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ހިންނަވަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެ ކޮމެޓީން ކުރިޔަށް ގެންދަން ބޭނުންވާ ބައެއް މަސައްކަތްތައް ކުރިޔަށްގެން ދިއުމަށް އިމާރާތެއްގެ މުހިންމުކަމާއި މާބަނޑު މީހުން އަތޮޅު ހޮސްޕިޓަލަށް ފަސޭހައިން ދަތުރުކުރެވޭނެ ފެރީއެއްގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

ރައީސް ވަނީ ހިންނަވަރުގެ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރިންގެ މަރުޙަލާގައި ކަމަށާއި ބަނދަރު ބޮޑުކުރުމާއި އައު ބަނދަރެއް ހެދުމުގެ މަސައްކަތް ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކައުންސިލުގެ އިމާރާތް ހެދުމުގެ މަސައްކަތް ބަޖެޓުގައި ހިމެނޭކަމަށާއި މަގު ހެދުމާއި ޔުނިވަސިޓީގެ ކެމްޕަހެއް ގާއިމުކުރުމާއި ކަރަންޓުގެ ވިއުގަ ރަނގަޅުކުރުމާއި 100 ހައުސިން ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިޔަށްދާނެކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

އަދި ކައުންސިލާއި ރައްޔިތުންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ބޭންކް ބްރާންޗެއް ހިންނަވަރުގައި ގާއިމްކުރުމަށް އެދިފައިވާތީ އެކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވަނީ ތަރައްޤީގެ ކަންކަން ސަރުކާރުން ކުރިޔަށް ގެންދަވާނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވައިގެން އެ ރަށެއްގެ ރައްޔިތުން އެންމެ އެދޭގޮތަށްކަން ފާހަގަކުރައްވާފައެވެ.

ރައީސް ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މަޑިވަރާއި ހިންނަވަރުގެ އިތުރުން ފެލިވަރު، ނައިފަރު، އޮޅުވެލިފުށި، އަދި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަން ރީނދޫ

    އަސްތާ. މިހާރު މުނިފޮސްތޯ އެއްލާލާފައި ، ޝޮޕިންގ ލިސްޓް ހަދަން މި ޖެހުނީ. ސާބަސް ،ކުޑަ މޯދީ

  2. ތެދު

    ތިގޮތައް ހުރީ ރާއްޖޭގެ ހުރިހާރަށެއްވެސް..؟ މާދަމާ މާދަމާ..ކަލްދޯބަޖޭ ބުންބާމީހުންވެސްބުނި...؟ އިންތިހާބް އައްނަންވާއިރައް 5 ޕަސެންޓް ނިންމަން ގިނަކަންތައްތަކެއް ކުރާނެކަން ރައްޔިތުންނައް މިހާރުއިނގޭ..ހެހެހެ.

  3. ހުސޭނުބޭ

    ބޮޑު ލިސްޓެއް ހަދަން ޖެހުނީ އެއްވެސް ކަމެއް ކުރިޔަށް ނުދާތީއޭ ބުނެވޭނީ.

  4. ހުނިހަކުރު

    ހިލަނީ ހުސް ހުނިހަކުރު