ކޮވިޑް-19 ކޮންޓްރޯލް ކުރަން އެކި ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް އެކިވަރުގެ މުޒާހަރާތައް އަންނަނީ ކުރަމުންނެވެ. ނަމަވެސް ކެނެޑާގައި ޓްރަކް ޑްރައިވަރުން ކުރަމުން އަންނަ ވަރުގެ ވަރުގަދަ މުޒާހަރާއެއް އަދި މިހާތަނަށް އެހެން އެއްވެސް ގައުމެއްގައި ކޮށްފައެއް ނުވެއެވެ.

ކެނެޑާ އާއި އެމެރިކާ ގުޅޭ ބޯޑަރު ސަރަހައްދުން ފެށުނު މުޒާހަރާ އެންމެ ފަހުން ކެނެޑާގެ ވެރިރަށާއި ހަމައަށް ވަނީ ފޯރާފާފައެވެ. މުޒާހަރާ ރޫޅާލަން އިއްޔެ ފުލުހުން ނިކުމެފައި ވަނީ ޓްރަކް ޑްރައިވަރުންނާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅޭނެ ގޮތައް ގާނޫނު ވެސް ބަދަލު ކޮށްގެންނެވެ.

މިހާރު ކެނެޑާ އިން ފާސްކޮށްފައިވާ ގާނޫނެއް ބުނާ ގޮތުން މުޒާހަރާ ކުރާ މީހުންގެ ބޭންކް އެކައުންޓްތައް ވެސް ފްރީޒް ކުރެވިދާނެއެވެ.

ތިން ހަފްތާއަށް ދެމިގެން ގޮސްފައިވާ މުޒާހަރާ ރޫޅާލަން ކެނެޑާ ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ވެގެން ދާނީ ކެނެޑާގެ ތާރީޚްގައި ވެސް ފުލުހުން ކުރިއަށް ގެންދާ މިފަދަ އެންމެ ބޮޑު އޮޕަރޭޝަނަށް ކަމަށް ކެނެޑާގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ޓްރަކް ޑްރައިވަރުންގެ މުޒާހަރާ އިން މިހާރު ވެސް 170 މީހުން ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އަދިވެސް މުޒާހަރާ އެއްކޮށް ރޫޅާލެވިފައެއް ނުވެއެވެ. ފުލުހުން ބުނާ ގޮތުގައި މުޒާހަރާ އެއްކޮށް ރޫޅާލަން އަދިވެސް ދުވަސްތަކެއް ނެގުން އެކަށީގެންވެއެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު