މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅި ތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ މާލެ އިން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފެބްރުއަރީ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. ކުޅުދުއްފުށީ ސިޓީ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށު ބަނދަރު ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު އެ ދެ މީހުން ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން ތިން ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ކުޅުދުއްފުށީ ސިޓީ ޕޮލިހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތައް ވަނީ ކުރިއަށްވުރެ ބޮޑަށް ފުޅާކޮށްފައެވެ. ވަކިން ހާއްސަކޮށް މާލޭ ސަރަހައްދުގައި ހިންގަ އޮޕަރޭޝަންތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.