އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުސްގެ ލޭގައި އޭނާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ހަލީމަތު ލަމްހާގެ ގެއިން ފެނުނު ބާރުގަދަ އިންޖެކްޝަނެއްގެ އަސަރު ހުރިކަން ތަހްލީލްތަކުން ދައްކައިފި ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

މިއަދު ދައުލަތުން ކްރިމިނަލް ކޯޓުގައި ވިދާޅުވީ ލަމްހާގެ ގެއިން ފެނުނު ބާރުގަދަ އިންޖެކްޝަންގެ އަސަރު މޭރީގެ ލޭގައި ހުރިކަން އެނގުނީ މޭރީގެ އޮޓޮޕްސީ އިންނެވެ.

ދައުލަތުން ވިދާޅުވީ މޭރީގެ ޓޮކްސޮލޮޖީ ރިޕޯޓް ނިމި އެރިޕޯޓްގެ ނަތީޖާ އަނގަބަހުން މިހާތަނަށް ލިބިފައިވާ ކަމަށާއި އޭގައިވާ ގޮތުން މޭރީގެ ލޭގައި ސަކްސިނައިލްކޮލިންގެ އަސަރު އެބަހުރި ކަމަށެވެ. މިކަމާއި ގުޅޭ ފައިނަލް ރިޕޯޓް ވަރަށް އަވަހަށް ލިބޭނެ ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.

އޮޓޮޕްސީއާއެކު ތައްޔާރުކުރި ޓޮކްސިކޮލިޖީ ރިޕޯޓާއި، މޭރީގެ ލޭގެ ޓޮކްސިކޮލިޖީ ރިޕޯޓުވެސް ކޯޓަށް ހުށައަޅުއްވާނެކަމަށް ދައުލަތުން ވިދާޅުވިއެވެ.

ސަކްސިނައިލްކޮލިން އަކީ ހޭނައްތާ ޕްރޮސިޖަރ ތަކަށް ބޭނުންކުރާ އަދި ވަކި މިންވަރަކަށް މީހާގެ ވާގި ނައްތާލުމުގެ ބާރުވެސް ލިބިފައިވާ ކެމިކަލެކެވެ. \ލަމްހާގެ ގެ ބަލާ ފާސްކުރިއިރު ފެނިފައިވާ ތިން އިންޖެކްޝަންގެ ތެރޭގައި ސަކްސިނައިލްކޮލިން ހިމެނޭ އިންޖެކްޝަނެއް ހިމެނެއެވެ. އެ އިންޖެކްޝަންތަކަކީ މީހުން ހޭނައްތަން ބޭނުންކުރާ އަދި މީހަކު މަރާލެވިދާނެ ފަދަ އިންޖެކްޝަނެއްކަން ދައުލަތުން މިއަދު ވެސް ފާހަގަ ކުރިއެވެ.

ދިފާއީ ވަކީލު ވަނީ ލަމްހާ ޙާދިސާ ހިނގި ގޭގައި ލަމްހާ 20 މިނެޓް ހޭދަކޮށްފައިވާކަމަށް ދައުލަތުން ދައުވާގައި ބަޔާންކޮށްފައިވީ ނަމަވެސް، އެކަމާ ގުޅިގެން ހުށައަޅާފައިވާ ސީސީޓީވީ ފުޓޭޖް ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދައުލަތުން ކޯޓަށް ހުށައަޅާފައިވާ ލިއެކިއުންތައް ލިބިފައިވާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ބުނީ، ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓު ނިމުމުން އެ ރިޕޯޓާއި، މޯބައިލް ފޮރެންސިކް ރިޕޯޓުވެސް ހުށައަޅުއްވާނެ ކަމަށެވެ.

ދިފާއީ ވަކީލު ވަނީ އެ ރިޕޯޓުތައް ނުލިބޭއިރު، އިބްތިދާއީ މަރުޙަލާ ކުރިއަށް ގެންދާތީ އެކަމާ ސުވާލު އުފައްދާފައެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ފުލުހުންގެ ވަސީލަތްތައް ހުރިގޮތުންނާއި، މަރުގެ މައްސަލަތަކެއް އެކުއެކީގައި ތަހުގީގު ކުރަން ޖެހުމުން ލަސްތަކެއް އައިސްފައިވާ ކަމަށެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ދައުވާކުރަން ބަލާއިރު، ހުރިހާ ހެކިތަކެއް އެއްފަހަރާ ހުށައެޅުމުގައި ދަތިތަކެއް ހުރިކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދައުލަތުން ވިދާޅުވީ އެ ރިޕޯޓުތައް ލިބުމުން އިބްތިދާއީ މަރުޙަލާ ކުރިއަށް ގެންދިއުމާމެދު އިއުތިރާޒެއް ނުކުރާކަމަށެވެ. މި ހަފްތާ ތެރޭގައި އެ ލިއުންތައް ކޯޓަށް ހުށައެޅޭނެކަމަށް ބެލެވޭކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ. އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، އިބްތިދާއީ އަޑުއެހުން ދެން ކުރިއަށް ގެންދާނީ މާރޗު މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިސްޢާފް ސަލީމް

    މި ސަރުކާރު އައިފަހުން މީހަކުވެސް ނުމަރަޔޯ ޢިމްރާނު ބުނަނީ! ހިސާބުތަކުން ފެންނަގޮތުގައި މި ސަރުކަރު އައިފަހުން 7 މީހުން މަރާލައިފި!

  2. ނާލި

    ޔާ اللّٰه‎

  3. ހުވަދޫ އަލިބެއްޔާ

    ހެޔޮ ވާނީ ކިހިނެއް.. ހަމަ ގަސްތުގަ މަރާލީ އޭ.. އުމުރަށް ޖަލަށް ލާން ޖެހޭ..

  4. ރައްޔިތުމީހާ

    ލަމްޙާ ސަލާމަތްކުރުމަށްޓަކާ މިސަރުކާރުންވެސް ހީލަތްތެރި ނުބައި ރޭވުންތަކެއް ރާވާކަމުގައިވަނީ ހާމަވެފަ

  5. Anonymous

    ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަނެއްގެ އަސަރު މޭރީގެ ގައިގައި ހުރުމަކީ މޭރީ މެރުމުގައި ލަމްހާގެ ދައުރެއްނެތި ހިނގާފާނެ ކަމެކެވެ. އެފަދަ އިންޖެކްޝަނެއް ކޮންމެ ނަރުހެއްގެ އަތުގައި ވެސް އޮވެދާނެއެވެ. ... ލަމްހާ ރައްޓެހިވެގެން އުޅުނު މީހަކާ އެކުގައި އެމީހާގެ ގެޔަށް ލަމްހާ ދިއުމަކީ ކުށެއް ކުރުމުގެ ނިޔަތެއް ނެތި މި ރާއްޖޭގައި ހިނގާފާނެ ކަމެކެވެ. ކުށްހީތަކުގެ މައްޗަށް ޝަރިއަތްކޮށް މީހުން ކުށްވެރިކުރާކަށް ނުވާނެއެވެ.

    1
    17
    • Anonymous

      ހިލޭ އަންހެނަކު މީހެއްގެ ފިރިއެއްކައިރިއަށް ދާނީ ކުށެއްކުރުމުގެ ނިޔަތަކުނޫން...ދެން އިސްލާމްދީނުގައި މިކަން އޮންނަނީ މިހެންތޯ އިސްލާމްދީން އެކިގައުމުގަ އޮންނަނީ އެކިގޮތަށްތޯ ދޮންބޭ ތިކިޔެއެއްޗެއް އެބައިނގޭތަ