އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ ހަލީމަތު ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމާފައިވާ ނިންމުން މިއަދު ކްރިމިނަލް ކޯޓުން ދަމަހައްޓައިފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ނަރުހެއް ކަމަށްވާ މޭރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މަރާލުމުގައި އޭނާ ފިރިމީހާ މާވިންއާ ގުޅިގެން ލަމްހާ ބައިވެރިވި ކަމަށް ދައުލަތުން ތުހުމަތު ކުރެއެވެ. މާވިންއާއި ލަމްހާ އާއި ގެންދިޔައީ ލޯބީގެ ގޮތުން ގުޅުން ވެސް ބާއްވަމުންނެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ލަމްހާގެ ފަރާތުން ވަނީ ޝަރުތުތަކަކާއި އެކީ އޭނާ ބަންދުން ދޫކޮށްލުމަށް އެދިފައެވެ. ސިއްހީ ހާލަތު ހުރި ގޮތުން ބަންދުން ދޫކޮށްދިނުމަށް މީގެ ކުރިން ވެސް ލަމްހާ ވަނީ އެދިފައެވެ. ނަމަވެސް ދައުލަތުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމާފައިވާ ނިންމުން ދަމަހައްޓައި ދިނުމަށް އެދިފައެވެ.

ދައުލަތުން އެގޮތަށް އެދުމުން މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ ލަމްހާގެ ބަންދު ދެމެހެއްޓުމަށެވެ.

މިއަދުގެ ޝަރީއަތުގައި ދެފަރާތުން ވެސް ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާފައެވެ. އެގޮތުން ލަމްހާ ވަނީ އޭނާގެ ދިފާއީ ހެއްކެއްގެ ގޮތުގައި 12 ހެއްކެއް ހުށަހަޅާފައެވެ. ނަމަވެސް ޝަރީއަތުގެ ކުރީގެ ހުށަހެޅުމުގައި ދައުލަތުން ވަނީ ދިފާއީ ހެކިތައް ބަލައި ނުގަންނަން އެދިފައެވެ.

ދައުލަތުން ބުނީ ދިފާއީ ބައެއް ހެކިން ހުށަހެޅީ ތަހުގީގުގައި ސުވާލު ނުކުރާ ކަންކަމާ ގުޅިގެން ކަމަށާއި އަދި ބައެއް ހެކިންނަކީ މައްސަލައާ ގުޅުންހުރި ހެކިން ނޫން ކަމަށެވެ. އަދި އެ މީހުން ހުށަހެޅީ ކޯޓުގެ ވަގުތު ބޭކާރު ކުރަން ކަމަށް ދައުލަތުން ބުންޏެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ގޮތް ނިންމުން އޮންނާނީ ދެން އޮންނަ އަޑުއެހުމެއްގައެވެ. ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވެފައި ވަނީ އަންނަ އޮގަސްޓް މަސް ތެރޭގައި އެކަމަށް އަޑުއެހުމެއް ތާވަލުކުރައްވާނެ ކަމަށެވެ.