އެމްޑީޕީއާއި ސަރުކާރާއި މުޅި ދައުލަތުގެ އެތެރޭގައި އޮތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ޚުދުމުޚުތާރު ނުފޫޒު ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަދަލު ކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި އާދަމް ޝަރީފް ވިދާޅުވީ، މި ކޮމިޝަނަށް އިސްލާހު ނުގެނެސް ލަސްވަނީ ވެސް ރައީސް ސޯލިހްގެ ޚުދުމުޚުތާރު ކަމުގެ ސަބަބުން ކަމަށެވެ.

"ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ފެނުނު ޚުދުމުޚުތާރު ހުރިހާ ސިފައެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މި ސަރުކާރުގައި އެބަ ފެނިގެންދޭ، ޑިމޮކްރެޓިކް ވެލިއުސްތައް މުޅިން ލުހެލައިފި،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތިޚާބުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ނެރުއްވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ލިބިވަޑައިގަތް ނަތީޖާއިން ވެސް ޚައިރާން ނުވާ ކަމަށެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި، އެ ގޮތަށް ނަތީޖާ ނުކުންނަނީ ވެސް ރައީސް ސޯލިހްގެ ޚުދުމުޚުތާރު ސިފަތަކުގެ ސަބަބުންނެވެ. ރައީސް ސޯލިހް ބޭނުންފުޅުވާ ގޮތް ނޫން ގޮތެއް އެމްޑީޕީގެ އެތެރެއިން ވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ތާއީދު ކުރައްވާ ބޭފުޅެއް އިމްތިޔާޒް ފަހްމީއަކީ ވެސް، އެހެންވިޔަސް އަޅުގަނޑަށް އެނގޭ އިންތި ނުހޮވޭނެ ކަން، ރައީސް ސޯލިހް ބޭނުންފުޅުވާ ގޮތް ނޫން ގޮތެއް އެމްޑީޕީ އެތެރެއަކުން ނުވާނެ، ހެޔޮ ކިތަންމެ ބަޔަކު އެ ކަމާއި ދެކޮޅަސް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު އޮތީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގައެވެ. އިންތިގެ އިތުރުން މި އިންތިޚާބުގައި ވާދަކުރައްވަނީ ރައީސްގެ އެންމެ ނުފޫޒުގަދަ ވަޒީރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ.

މިއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގެ "ޓެސްޓް ރައުންޑް" ގޮތުގައި ސިޔާސީ އެނަލިސްޓުން ސިފަ ކުރެއެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ނަޝީދު އިއުލާން ކުރެއްވިއިރު، ރައީސް ސޯލިހް ވެސް ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    މިތާ ހުދުމުހުތާރު، ލާދީނީ މީހަކީ ނަޝީދު

    3
    2
  2. ލޮލް

    ދެން ހުދުމުހުތާރު މިންގަނޑު ހުންނަން ޖެހެނީ ކަލޭ ހިއްހަމަ ޖެހޭ ވަރަށްތަ؟ ހަކުރުވިއްކާ ހިތުންދީނީ ވަގު ޔާމިނު ކަލޭ އޮޅުކޮށްގެން ގެންގުޅޭތީ އޭނަ ދޯ ރަނގަޅީ؟

    4
    6
  3. ބަކުރު

    ސޯލިހަކީ ހުދުމުހުތާރު މީހެއްކަން ޔަގީން ލަމްހާސަލާމަތް ކޮށްދޭނެ ކަމަށް އޭނަގެ މަންމަކައިރީގަ ބުނިުމަކީ މިއީ ވަރަށްބޮޑު ގޯހެއް މިކަމުގެ ސަބަބުން ނަރުހުންގެ ނުފޫޒު ގަދަވެ މީހުން މެރުމުގެ އޮއިވަރެއް ނަރުހުންގެ ފަރާތުން ފެނިގެން ހިނގައިދާނެ.

    4
    1