ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަދަލު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ހުށަހެޅުއްވި ބިލު އަނެއްކާ ވެސް ބޭރުކޮށްލައިފިއެވެ.

ސިޔާސީ ބޭފުޅުން ނުތިއްބަވާ ގޮތަށް ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރަން ޓޮމް ހުށަހެޅުއްވި މިއީ ދެވަނަ ފަހަރެވެ. 2020 ވަނަ އަހަރު ވެސް މި ބިލު ހުށަހެޅުއްވިއިރު، 87 މެންބަރުން ތިއްބަވާ މަޖިލީހުގެ 50 މެންބަރުންގެ ވޯޓުން ބިލު ބޭރުކޮށްލިއެވެ. ބިލު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 13 މެންބަރުންނެވެ.

މިދިޔަ ފަހަރު ބިލު ހުށަހެޅުއްވުމުން މެންބަރުން ބިލަށް ބަހުސެއް ވެސް ނުކުރައްވައެވެ. މި ބިލު ދެވަނަ ފަހަރަށް ހުށަހެޅުއްވުމުން، މި އަހަރު މަޖިލިސް ހުޅުވައިގެން ބިލުގެ އިބްތިދާއީ ބަހުސް ގެންގޮސް ކޮންމެ ޕާޓީއެއްގެ މެންބަރުން ވެސް ވަނީ ބިލަށް ބަހުސްކޮށް ވާހަކަ ދައްކަވައިފައެވެ.

ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ނިމިގެން ބިލު ބަލައިގަންނަން މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން އެ ކަމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. ބިލު ތަޅުމުން ބޭރުކޮށްލަން 46 މެންބަރުން ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.

ގާނޫނު އަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން އެ ކޮމިޝަންގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން މިހާރު ތިއްބަވައެވެ. އެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެންބަރަކާއި، މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވައެވެ. މިހާރު ޖޭއެސްސީގެ އަޣުލަބިއްޔަތު އޮންނަނީ އެމްޑީޕީ އަށެވެ.

ތޯރިގް ހުށަހެޅުއްވި ބިލުގައި އޮތް ގޮތުން، ޖޭއެސްސީގައި ސިޔާސީ ހަތަރު ބޭފުޅުންނެއް ނުތިއްބަވާނެއެވެ. އަދި ކޯޓުތަކުގެ ފަނޑިޔާރުން ވެސް އުނިކޮށްފައިވެއެވެ.

ތޯރިގްގެ އާ ބިލުގައި ޖޭއެސްސީ އެކުލެވޭ ގޮތް؛

  • ރިޔަޓަޑް ފަނޑިޔާރެއް
  • ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކުރެވޭ ވަކީލެއް
  • ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކުރެވޭ އަންހެން ވަކީލެއް
  • ޔުނިވާސިޓީތަކުގައި ޝަރީއަތް ކިޔަވައިދޭ މުދައްރިސެއް
  • ޔުނިވާސިޓީތަކުގައި ގާނޫނު ކިޔަވައިދޭ މުދައްރިސެއް
  • ތައުލީމީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެއް
  • ވިޔަފާރި ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެއް
  • އެހެން ދާއިރާއަކުން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެއް

މިއިން އެއްވެސް ބޭފުޅަކީ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ ނުވަތަ މަސައްކަތް ކުރައްވާ ބޭފުޅަކަށް ވެގެން ނުވާނެ ކަމަށް ވެސް ތޯރިގްގެ ބިލުގައި އޮތެވެ.

ޖޭއެސްސީގައި މިހާރު ތިއްބެވި އެމްޑީޕީގެ ބޭފުޅުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވެސް ކުރެވެއެވެ. މި ގޮތުން އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމަށް ޕީޕީއެމްއާއި ޕީއެންސީގެ އިސް ބޭފުޅުން ތުހުމަތު ކުރައްވައެވެ.

ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ ދައުރު ނިމުމުގެ ކުރިން އެ ކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެކަމަކު މިހާތަނަށް އައި އިރު ވެސް ޖޭއެސްސީގެ އެކުލެވުން އެ އޮތް ގޮތަށް ބާއްވައިގެން ކުރިއަށް ދާތީ އާންމުންގެ ގިނަ ފާޑުކިއުމެއް އެމްޑީޕީއަށާއި ސަރުކާރަށް ދަނީ އަމާޒު ކުރެވެމުންނެވެ. އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވަނީ އެއީ ޖުޑިޝަރީ އިސްލާހު ކުރުމުގެ އެޖެންޑާގެ އެންމެ ފަހަށް އޮތް މަސައްކަތް ކަމުގައެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަންގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިންނަވައެވެ. ކޮމިޝަންގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިނެވެ. ދެން ރައީސްގެ މެންބަރެއްގެ ގޮތުގައި އިންނަވާ މަސްތޫރު ހުސްނީއަކީ ކޮމިޝަންގެ ނައިބު ރައީސްއެވެ. އަދި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވެސް ޖޭއެސްސީގައި އިންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެޔޮޅުބެ

    ހުދުމުހުތާރު އަދި ރަތް މުހުތާރު އަންނި ޖޭއެސްސީގަބަހަށްޓާފަ ހުރީ ޖުޑިސަރީއަށް އަތްބާނާ އެތަން ނަޖިސްކުރުމަށް އެބިލުބޭރުކުރުމަކީވެސް ޖުޑިސަރީއަށް އަރައިގަތުމެއް އެކަލޭގެ އެތަނުންބޭރުކުރޭ ނޫނީ ބާލާނަން އަވަސްކުރޭ.

  2. ބުއްޅަބޭު

    މިފަހަރު ތިބައިގައިގަނޑު ބޭރުކުރަންވޯޓްދޭނެ މީހުންވެސް ތިބޭނެ ކެންޕެއިންކުރީ އިސްލާހު ކުރަން ވައުދުވެ ގޮނޑިލިބުނީމަނުވި ތިގޮތައް އޮށްވާ ސަރުކާރު ބަދަލުވެއްޖެ ނަމަ އިސްލާހުކުރިއަސް ހަމަތިގޮތައް ދެއްއައްނަސަރުކާރަކުންވެސްހިންގާނީ ތާއަބަދަކުނުތިބޭނެ ވެރިކަމަކު އެއްވެސްބަޔަކު ދުނިއޭގަވެސް ވަގުތުޖެހުމުން އިސްލާހުނުކުރިއަސް ދާންޖެހޭނެ ވަގުތުނޭގެނީ ބައިއިލެކްށަނެއްވެސްނިމިއިއްޖެ ފިލާވަޅުތަކާއެކު

  3. ސސ

    ޖޭއެސްސީ އޮންނަން ޖެހޭނީ ސިޔާސީ ވަފާތެރި ކެހިވެރިން މޮޑޭ ފުއްގަޑެއްހެން ނުންތޯ، އެތަން މިނިވަން ވެއްޖެ ނަމަ ސިޔާސީ ވަފާތެރި ކެހިވެރިން ނަކަށް ބައިތުލް މާލު ލޫޓުވައެއް ނުލެވޭނެ !