ޑޮކްޓަރުންނާއި ނަރުހުން ޖަލުތަކަށް ގެންގޮސް ގައިދީންގެ ސިއްހީ ހާލަތު ބަލައި ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ޤައިދީންނާއި ބަންދު މީހުން ސްޕެޝަލިސްޓް މެދުވަރިކޮށް ބޭސްފަރުވާ ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމާ ބެހޭ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއެކެ ކަރެކްޝަންސް އިން ފަހުމްނާމާއެއްގައި މިއަދު ސޮއިކޮށްފައިވެއެވެ.

މި ފަހުމްނާމާގައި ކަރެކްޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. އަދި އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް އިބްރާހިމް ސަލީމްއެވެ. މި ފަހުމްނާމާގެ މުއްދަތަކީ އަހަރު ދުވަހެވެ.

ޤައިދީންނާއި ބަންދު މީހުންނަށް ސިއްޙީ ފަރުވާ ފޯރުކޮށް ދިނުމުގެ ގޮތުން، އެ ފަރާތްތައް އެއްތަނުން އަނެއްތަނަށް އުފުލުމަކީ ތަކުލީފު އަދި ޚަރަދު ބޮޑު ކަމެއް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

މިގޮތުން މި ފަހުމްނާމާގައި ސޮއިކުރުމުގެ މަޤްޞަދަކީ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން ޢާންމު ނޫން ބަލިތަކަށާއި އުނދަގޫތަކަށް، އެ ކަމާ ގުޅުން ހުރި ސްޕެލިސްޓުން މެދުވެރިކޮށް ޖަލުގައި ބައިތިއްބައިގެން ފަސޭހަކަމާއެކު ސިއްޙީ ފަރުވާ ފޯރުކޮށްދިނުން ކަމަށް އެ ސަރވިސް އިން ބުނެއެވެ.

މި ފަހުމްނާމާގެ ދަށުން، ކުރުމުއްދަތަކަށް އައިޖީއެމްއެޗްގެ ފަރާތުން ޖަލުތަކަށް ސުޕަރ ސްޕެޝަލިސްޓުންނާއި ސްޕެޝަލިސްޓުންނާއި ނަރުހުންގެ އިތުރުން އެހެނިހެން ޓެކްނިކަލް މުވައްޒަފުން ފޮނުވައި، ފަހަރަކު މަދުވެގެން 20 މީހުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

އެމްސީއެސް އިން ބުނީ މިފަދަ އިންތިޒާމްއެއް ހަމަޖެހިގެން ދިއުމަކީ ޤައިދީންނާއި ބަންދުމީހުންނަށް ބޭސް ފަރުވާ ފޯރުކޮށްދިނުމަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައަކަށް ވެގެންދާނޭ ކަމަށެވެ.

ކޮވިޑް-19 ގެ މި ޙާލަތުގައި އެމްސީއެސްގެ އަމާޒަކީ ޤައިދީންނާއި ބަންދުމީހުންނަށް ވީހާވެސް ރައްކާތެރިކަމާއެކު ބޭސް ފަރުވާ ފޯރުކޮށްދިނުން ކަމަށް އެ ސަރވިސް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    އެމްޑިޕީ ފުރަތަމަ ސަރުކާރު އައ އިރު މާފުށީގަ ކުށްވެރިންނަށް ހައްސަ ޑޮކްޓަރުންނާއި ނަރުހުންތިބި. އެކަންވެސް ހުއްޓާލީ އެމްޑިޕީ ސަރުކާރުން. ކޮންމެ ކަމެއްވެސް ހުއްޓާލާފަ ދެންފަށާފަ ބުނާނެ މިއިީ އެމްޑީޕީ ސަރުކާރުންދޭންފެށި ހިދުމަތެކޯ.