ރަޝިއާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ޔޫކްރޭންގައި ތާށިވެފައި ތިބި ދިވެހި 21 ދަރިވަރަކަށް މާލީ އެހީތެރިކަން ދީފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޔޫކްރޭނުގައި މިވަގުތު 21 ދަރިވަރަކު ތިބިއިރު، އޭގެ ތެރެއިން ފަސް ދަރިވަރުން ތިބީ ހަމަލާތައް އެންމެ ގިނައިން ދެމުންދާ ޚާކިއޭވްގައެވެ. އިވާނޯ ފްރާންސްކިވްގެ އެއާޕޯޓަށް ހަމަލާއެއް ދިން އިރު، އެ ސަރަހައްދުގައި 14 ދަރިވަރުން އެބަ ތިއްބެވެ. އެހެން ސަރަހައްދެއްގައި ވެސް ދަރިވަރަކު އެބަ އުޅެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ހަމަލާތަކުގެ ސަބަބުން ރާއްޖެއަށް ނާދެވިފައިތިބި 21 ދަރިވަރަކަށް މިވަގުތު މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މީގެ އިތުރުން މި ދަރިވަރުންނަށް ބީއެމްއެލް ކާޑުން ބޭރު ފައިސާގެ މުއާމަލާތް ކުރެވޭ މިންވަރު ވެސް މިހާރު އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

“ޔޫކްރެއިންގައި ކިޔަވާ ދަރިވަރުންނަށް ބޭރުގެ މުއާމަލާތް ކުރުމަށް ދީފައިވާ ލިމިޓް ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހަށް އިތުރު ކޮށްފައި" މިނިސްޓްރީން ބުނެފައިވެއެވެ.

ރަޝިއާ ޔޫކްރޭން މަސްރަހު ގޯސްވެފައިވާ މިދަނޑިވަޅުގައި ޔޫކްރޭންގައި ތާށިވެފައި ތިބި ދަރިވަރުން ޔޫރަޕް ކައިރި ތިން ގައުމަކަށް ފޮނުވަން ވާހަކަ ދައްކަމުންދާކަން ވަނީ އެނގިފައެވެ.

އީވާނޯ ފްރާންސްކިވްގައި ކިޔަވަމުން ދިވެހި ދަރިވަރަކު "ވަގުތު" އަށް ކިޔައިދިިން ގޮތުގައި، މި ދިމާވި ހާލަތާއި ގުޅިގެން ދިވެހި ސަރުކާރުގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ. މި ގޮތުން ހަފުތާއެއްހާ ދުވަސްވަން ދެން ބޭނުން ކުރެވޭ ވަރަށް ސަރުކާރުން "ޕޮކެޓް މަނީ" ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ރާއްޖެ ނުގެނުވުނު ނަމަވެސް ރައްކާތެރި މާހައުލެއް އޮތް އެހެން ގައުމަކަށް ދަރިވަރުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަން ސަރުކާރުން ހާމަކުރިއިރު، ތިން ގައުމެއްގެ އިޚްތިޔާރު ދީފައިވާ ކަމަށް އެ ދަރިވަރު ބުންޏެވެ. އެއީ ޕޮލެންޑްއާއި، ރޮމޭނިއާއާއި، ހަންގޭރީއެވެ.

"އެމްބަސީން މަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަކަށް ރައްކާތެރި ރޫޓެއް ހޯދައިގެން އެ ގައުމުތަކުގެ ބޯޑަރާއި ހިސާބަށް ދަތުރު ކުރެވޭނެ ގޮތެއް ހޯދައިދޭން، އެ ގޮތުން މި ތިން ގައުމުގެ އޮޕްޝަންސް އެމްބަސީން ދިނީ،" އެ ދަރިވަރު ކިޔައިދިނެވެ.

ދަރިވަރު ބުނީ ދިވެހި ދަރިވަރުންނާއި ޔުނިވާސިޓީތަކުގައި ތިބި ހުރިހާ ދަރިވަރުން ގޮތަކަށް މަސައްކަތް ކުރަމުން ދަނީ ވެސް ވީހާވެސް އަވަހަކަށް ޔޫކްރޭނުން ބޭރުވުމަށެވެ. އެހެންވެ ދަތުރުފަތުރަށް ބާރުބޮޑުވެފައިވާ ކަމަށް ވެސް އެ ކުދިން ބުންޏެވެ.