ޔޫކްރޭންގެ އިވާނޯ ފްރެންކިވްސްކްގައި ތިބި 15 ދިވެހިން މަދު ދުވަހެއްގެ ތެރޭގައި ރާއްޖެ އާދެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ އެ 15 ދިވެހިން މިހާރު ތިބީ ޔޫކްރޭނާއި ހަންގޭރީ ބޯޑަރާއި ކައިރީގައި އޮންނަ ޔޫކްރޭންގެ އަޒްހޮރޯދުގައި ހުންނަ ހަންގެރީގެ ކޮންސިއުލޭޓެއްގައި ކަމަށެވެ.

ބޯޑަރު ހުރަސްކޮށް ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކުރުމުގެ އިންތިޒާމް، ހަންގޭރީ ސަރުކާރާއި ގުޅިގެން ދިވެހި ސަރުކާރުން ވަނީ ހަމަޖައްސާފައިވާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދު މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ގުޅުވައި މި ކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަން މިއުވާން ފާހަގަ ކުރެއްވިއެވެ.

"ހަންގޭރީގެ ފުރިހަމަ އެއްބާރުލުން ދިވެހިންނަށް ލިބޭނެކަމުގެ ޔަގީންކަން އެ ގައުމުން ދިން، ބުޑަޕެސްޓަށް ދިޔުމަށްފަހު ދެ ދުވަހުގެ ތެރޭގައި ދިވެހިން ރާއްޖެ އަންނާނެ،" މިއުވާން ވިދާޅުވިއެވެ.

ޚާކިއޭވްގައި ބާކީ ތިނި އަށް ދިވެހިން ޔޫކްރޭންގެ ހުޅަނގަށް ގެންދަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެއީ މާ ދުރު ހިސާބެއް ކަމުން އެ ކަމުގައި ދަތިތަކެއް ހުރި ކަމަށް މިއުވާން ވިދާޅުވިއެވެ.

މީގެ ތެރެއިން ފަސް ދަރިވަރުންނަކީ އަމިއްލަ އެކި ސަބަބުތަކާއި ހުރެ ކުރިން ނުފުރުނު ދަރިވަރުން ކަން ވެސް މިއުވާން ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި ވިސާ އާ ކުރުން ފަދަ ކަންކަން ހުއްޓެވެ.

ޔޫކްރޭންގައި މި ވަގުތު 21 ދިވެއްސަކު ތިބިއިރު، ސަރުކާރުގެ އެހީގައި ކުރިން 35 ދިވެއްސަކު ވަނީ ޔޫކްރޭނުން ބޭރަށް ދެވިފައެވެ. އެ ކުދިން ވެސް ވަރަށް އަވަހަށް ރާއްޖެ އަންނާނެއެވެ.

ޔޫކްރޭންގައި ތިބި ދިވެހި ދަރިވަރުންގެ ދިމާވެދާނެ ދަތިކަމަށް، ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ.

ޔޫކްރޭންގައި ތިބި ދިވެހި ދަރިވަރުންނާއި "ވަގުތު" އާއި ވާހަކަ ދައްކަމުން ބުނެފައި ވަނީ، ސަރުކާރުގެ ފަރާތުން މި ކަމުގައި ގިނަ އެހީތަކެއް ދަނީ ލިބެމުން ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަމަނަ

    ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގަ ހަނގުރާމަ ކޮޅެއްގައި ޖެހި ހަމަލާ ބަދަލު ކުރުން ހުއްޓާލާނެ. ކުދިންކޮޅު ގެންނަން އަދި އަވަސް..

    3
    1
  2. ކިނބޫ

    ކުރިން ބުނި ގެނައްސިޔޭވެސް.

  3. ޚޙގފފ

    ތެދެއް ހަދާނެތަ

  4. ޚޙގފ

    ތެދެއް ހަދާނެތަ