ނޭވާ ހޮޅީގައި ކަރަންފުލެއް ތާށިވެ، ވެންޓިލޭޓަރަށް ލާން ޖެހުނު ދިވެހި ދެ އަހަރުގެ ކުއްޖަކު ސަލާމަތްވެއްޖެ ކަމަށް އައިޖީއެމްއެޗްގެ ފުއްޕާމޭގެ ހާއްސަ ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

މުހައްމަދު އަލީ މިއަދު ފޭސްބުކުގައި ހިއްސާ ކުރި ސްޓޭޓަސް އެއްގައި ބުނެފައިވަނީ ކަރަންފުލަކީ އާންމުކޮށް ކުޑަކުދިންނަށް ދެވޭ އެއްޗެއް ކަމަށާއި އެކުދިން ކަރަންފޫ އަމިއްލައަށް ވެސް ނަގައިގެން އަނގަޔަށް ލައިގެން އުޅޭ ކަމަށެވެ.

މުހައްމަދު އަލީ ވިދާޅުވީ، އެފަދަ ގޮތަކަށް އަނގަޔަށް ކަރަންފޫ ލައިގެން ކުޑަ ކުދިން އުޅުނު ނަމަވެސް ރާއްޖޭގެ ކުއްޖެއްގެ ނޭވާ ހޮޅީގެ ތެރެއަށް އެކުއްޖާ ގެންގުޅުނު ކަރަންފޫ ގޮސްގެން ހާލު ސީރިއަސްވި ކަމަށެވެ.

ކުއްޖާގެ ނޭވާ ހޮޅީގެ ތެރެއަށް ކަރަންފޫ ދިއުމުން ކުއްޖާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް ލާން ޖެހުނު ކަމަށް މުހައްމަދު އަލީ ވިދާޅުވިއެވެ. އެހެން ނަމަވެސް ކުއްޖާގެ ނޭވާ ހޮޅިން ކަރަންފޫ ނަގާފައިވާ ގޮތް މުހައްމަދު އަލީ ހިއްސާ ކޮށްފައެއް ނުވެއެވެ.

"ﷲގެ ރަހުމަތްފުޅުން މިހާރު ވަނީ ގެއަށް ފޮނުވާލެވިފައި" މުހައްމަދު އަލީ ވިދާޅުވިއެވެ.

މުހައްމަދު އަލީ ވިދާޅުވީ، ކަރަންފޫ ކަހަލަ ކެއުމަށް ބޭނުން ކުރާ އެއްޗިއްސަކީ އެއަށް ފެން ދަމާ އެއްޗެހި ކަމަށާއި އެކުއްޖާގެ ވާތް ފަރާތު ނޭވާ ހޯޅިއަށް ދިޔަ ކަރަންފޫ އިނީ ފެން ދަމާ ފުފިފައި ކަމަށެވެ.

މިހާދިސާއާއި ގުޅިގެން މުހައްމަދު އަލީ ވަނީ ކުޑަކުދިންނަށް ކަރަންފޫ ކަހަލަ އެއްޗިހި ދިނުން ހުއްޓާލައި، ކާ އެއްޗިހި އަނގަޔަށްލައިގެން، ހީ، ސަކަރާތް ޖަހާ، ދުވެ އުޅުން ހުއްޓުވުމަށް އިލްތިމާސް ކޮށްފައެވެ.