އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުމުގެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން ލައިވް ކުރަން ނިންމައިފިއެވެ.

ނޫސްވެރިޔާ އަހްމަދު އަޒާންގެ ފަރާތުން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން މި މައުލޫމާތު ހާމަކޮށްދޭން ޑިފެންސް މިނިސްޓްރީގައި ހުށަހެޅުމުން އެ މިނިސްޓްރީން އެ ކަމާއި ދެކޮޅު ހެދިއެވެ.

އެ ގާނޫނުގެ ދަށުން މި މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން، އެ އޮފީހުން އޭގެ ޝަރީއަތް ހިންގުމަށް ފަހު، ނިންމީ ޑިިފެންސް މިނިސްޓްރީގެ ނިންމުން ރަނގަޅު ކަމަށެވެ.

ޑިފެންސް މިނިސްޓްރީން އަޒާން އެދިފައިވާ މައުލޫމާތުތައް ހާމަ ނުކުރީ އޭގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށް ބުނެއެވެ. އަދި އިންޑިއާއާއި އެކު ވެފައިވާ އެއްބަސްވުން ސިއްރު ކުރަން ނިންމާފައި އޮތުމުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި ނިންމުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ފެށީ މިއަދެވެ. މިއަދުގެ ޝަރީއަތުގައި އަޒާން ވަނީ ޝަރީއަތް ލައިވް ކޮށްދޭން އެދިފައެވެ. އެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ދެކޮޅެއް ނުހަދައެވެ.

އެހެންވެ ހައި ކޯޓުގައި އާންމުކޮށް އަމަލު ކުރާ އުސޫލުގެ މަތިން ޔޫޓިއުބް މެދުވެރިކޮށް ޝަރީއަތް ލައިވް ކުރަން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ނިންމެވިއެވެ. އެ ގޮތަށް ގެންދަން ނިންމެވުމުން މިއަދުގެ ޝަރީއަތް ނިންމާލައްވައި ދެން އޮންނަ އަޑުއެހުމެއް ލައިވް ކުރާނެ ކަން ފަނޑިޔާރުން އިއުލާން ކުރެއްވިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބިއިރު، މިހާތަނަށް ސަރުކާރުން ހާމަ ކުރީ އިންޑިއާއިން ދީފައިވާ އުޅަނދުތައް ބަލަހައްޓަން ތިބި ސިފައިންގެ އަދަދެވެ. އެއީ ލ. ކައްދޫގައި އޮތް ހެލިކޮޕްޓަރަކާއި، އައްޑޫ ސިޓީ ގަމުގައި އޮތް ހެލިކޮޕްޓަރަކާއި، ހދ. ހަނިމާދޫގައި އޮތް ޑޯނިއާ މަތިންދާބޯޓު ބަލަހައްޓަން ތިބި ސިފައިންނެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާގެ އަސްކަރީ އެހީ ހޯދަން ގެންގުޅޭ ސިޔާސަތުތަކާއި ދެކޮޅަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ދަނީ "އިންޑިއާ އައުޓް" ޝިއާރުގައި ބޮޑު ކެމްޕޭން ހަރަކާތެއް ވެސް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ޑްރާމާ އެއް ލައިވްކުރަން ތި އުޅެނީ

    15
    1
  2. ހާސިލް

    ކީއްވެތަ ގައުމީސަލާމަތައް ނުރައްކާ ވާ އެއްބަސްވުމެއްގަ ސޮއިކުރީ؟ ކާކުގެ ހުއްދައަކަށް؟ ތިޔަބުނާ އެއްޗެއްގަ ސޮއިކުރީމަދޯ ގައުމީ ސަލާމަތައް ނުތައްކާ މިވަނީ؟ ފުރަރަމަ ގައުމޯސަލާމަތައް ނުރައްކާވާ އެއްބަސްވުމުގަ ސޮއިކުރި މައްސަލަ ބަލާދެއްވަންވީނުg

    14
  3. ސޯލިބޭ

    ލައިވް ކުރިއަސް ނުކުރިއަސް މާކުރިން ލިޔެ ނިންމާފައިވާ ހުކުމަކަށް ބަދަލެއް ނާންނާނެ.

    14
  4. ދެބޯގެރި

    ހައިކޯޓުންވެސް ކުޅޭނީ ޑުރާމާ ތަޅުވަ ތަޅުވާފަ ބުނާނީ ރަނގަޅަޗޭ ނިންމާފަ އޮތީ މިސަރުކާރާ ދެޚޮޅަށް ނިންމުމެއްނިންމަން ކެރޭ ކޯޓެއް ފަނޑިޔާރެއް މިހާރު މި ޤައުމަކުނެތް ޤާނޫނީ އިމުގެ ތެރެއިންވެސް ސަރުކާރުން ހިންހަމަ ނުޖެހޭކަމެއް ފަނޑިޔާރަކު ނިންމައިފިނަމަ އެމީހަކު ސުލޫކުވާނެ މައްސަލަބަލައި ވަކިކުރާނެ ފަނޑިޔާރުންނަށް ތިބެނީ ބިރު ދައްކާފަ ދެންތިބީ ސަރުކާރުން އެޅިހާބަތަކަށް ރިހަ ކިޔާ ފަނޑިޔާރުން ނާ ފަނޑިޔާޜުގެތައް ސަދޫމައްވުރެ މިޤައުމުގެ ފަނޑިޔާރުގެތަކާ ފަނޑިޔާރުންގެ އިންސާފު ހޯދައިދޭލެއް ބޮޑު

    10