އައްޑޫސިޓިގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރެއް ތެރޭ މީހަކު ތާށިވެއްޖެއެވެ.

އެސަރަހައްދުގައި ހުރި މީހަކު "ވަގުތަށް" ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ލިންކް ރޯޑުގައި ކަމަށެވެ.

އެކްސިޑެންޓް ހިނގަން މެދުވެރި ސަބަބު އަދި އެނގިފައި ނުވީ ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެ ކާރު ކޮންޓްރޯލުން ނެއްޓިގެން ކަމަށެވެ.

އެކްސިޑެންޓްގެ ފޮޓޯތަކެއް ވަގުތަށް ލިބިފައިވާއިރު، ފޮޓޮތަކުން ފެންނަނީ ކާރު މޫދުގައި އޮންނަ މަންޒަރެވެ.

އެކްސިޑެންޓްވި ކާރު-- ފޮޓޯ؛ ވަގުތު އިމޭޖެސް: ހުސެއިން

މިއެކްސިޑެންޓްގައި ހިނގިއިރު، ކާރުގައި ތިބީ ކިތަށް މީހުން ކަމެއް އަދި އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް އެކްސިޑެންޓްގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ މީހަކު ވަނީ ބުނެފައެވެ. އަދި އޭނާ މިވަގުތު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ، އެކްސިޑެންޓެއް ހިނގައިގެން 5 މީހަކު ހޮސްޕިޓަލަށް ގެނެސްގެން މިވަގުތު ފަރުވާ ދެމުން އަންނަ ކަމަށެވެ.

"އެމީހުންގެ ކޮންޑިޝަން އަދި ބުނެދޭން ނޭނގޭ" ހޮސްޕިޓަލުން ބުންޏެވެ.

"ވަގުތަށް" މައުލޫމާތި ދިން މީހަކު ބުނީ، އެކްސިޑެންޓްގައި އެކަކަށް ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ލޮލާއި ދިމާލުން ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.