ކުޅުދުއްފުށީ ހޮސްޕިޓަލް- ވަގުތު އިމޭޖަސް

ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް، ސަރުކާރުން ހަލުވިކަމާއެކު ކުރަމުންދާއިރު، އެހޮސްޕިޓަލުގައި، އައިޖީއެމްއެޗް ގައި ހުންނަ ފެންވަރުގެ ޒަމާނީ ސީޓީ ސްކޭން މެޝިނެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ 128 ސްލައިސްގެ މެޝިނެކެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައިވެސް ހުންނަނީ 128 ސްލައިސްގެ ސީޓީ މެޝިނެކެވެ.

އެރަށު ހޮސްޕިޓަލް ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށް، ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ އިސްނެންގެވުމުގެ ދަށުން ހަމަޖައްސަވައިދެއްވާފައިވާ 50 މިލިޔަން ރުފިޔާގެ ބަޖެޓަކާއެކު އެމަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މެޝިން ބެހެއްޓުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތައް ކުރަމުންދާއިރު، މިހާރު ވަމުންދަނީ، މެޝިން ބަހައްޓާ، ބަލިމީހުންނަށް ފަރުވާ ދޭނެ ތަން ހެދުމުގެ މަސައްކަތެވެ. ކުރިން ހޮސްޕިޓަލުގައި ބަލިމީހުން އެނދުމަތިކޮށްފައި ތިބޭ ވޯޑަކަށް ބަދަލުތަކެއް ގެނެސްގެން މި މަސައްކަތް ކުރަމުންދާއިރު، މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ޕަބްލިކް ވާކްސް ސަރވިސަސްގެ މުވައްޒަފުންނަށެވެ.

ބައެއް މީޑިޔާތަކުން ބުނެފައިވާ ގޮތުގައި މެޝިން ބަހައްޓާ ތަނުގައި މިހާރުވަނީ މެޝިން ބަހައްޓާފައެވެ. އަދި، ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި، ރައްޔިތުންނަށް ޚިދުމަތް ލިބޭނެކަމަށްވެސް، އެމީޑިޔާއިން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، މައުލޫމާތު ލިބޭ ގޮތުގައި ސީޓީ މެޝިން ބަހައްޓާ ތަން މަރާމާތުކޮށް، އެތަނުގެ އިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ، އެމްއާރްއައި މެޝިނެއްވެސް ބެހެއްޓޭގޮތަށެވެ.

ކުޅުދުދުއްފުށީ ހޮސްޕިޓަލަކީ އައިޖީއެމްއެޗް ފިޔަވައި އެންމެ ގިނަ ރައްޔިތުން ފަރުވާ ހޯދާ ސަރުކާރުގެ ހޮސްޕިޓަލެވެ. އެތަން ތަރައްޤީ ކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވާއިރު، އެއަމާޒަށް ހާސިލުވުމަށް ކުރިން އެތަން ޕްރައިވަޓައިޒްވެސް ކޮށްފައިވެއެވެ. އެހެންނަމަވެސް، އެކަން ކާމިޔާބު ނުވުމުން، މިހާރު މަސައްކަތް ކުރަމުންދަނީ ސަރުކާރުންނެވެ.

ސަރުކާރުގެ ފަރާތުން ހެލްތު މިނިސްޓްރީންވަނީ އެހޮސްޕިޓަލަށް ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަކާއި ދެ ދާއިރާއެއްގެ ސްޕެޝަލިސްޓް ދިވެހި ޑޮކްޓަރުން ހޯދުމަށްވެސް އިޢުލާންކޮށްފައެވެ.

އެހޮސްޕިޓަލް ރަނގަޅު ފެންވަރަކަށް ތަރައްޤީވުމަކީ ކުޅުދުދުއްފުށީ ރައްޔިތުންގެ އިތުރުން ހއ.، ހދ. އަދި ށ. އަތޮޅުގެ ރައްޔިތުންގެވެސް އުންމީދެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކުޅޫދުއްފުށިން 70 ޕަސެންޓްވޯޓްް ރައީސް ޔާމީނަށް ޔަޤީންކުރައްވާ! ހދ އަތޮޅުން 75 ޕަސެންޓްވޯޓް ރައީސް ޔާމީނަށް ޔަޤީންކުރައްވާ! މި ދެ ތަޞައްވުރު އިންޝާއަﷲ ކާމިޔާބުވާނެ!

    • ކުޅުދުއްފުށީ މީހާ

      އެހެންތަ!! ކަލެޔައްދޯ އިނގެނީ އެޔެއް ބުނަން.. ރަށު މަދުބަޔަކު ހޭބަލިވެގެން އުޅުނަސް ގިނަ މީހުން ނޫލޭ ޔާމިނަކަށް ވޯޓު ދޭކަށް.. ތިކަހަލަ ގަމާރެއް ނޫނީ ނުދޭނެ ބޯޑު ވަގު ޔާމިނަށް ވޯޓެއް އިންތިހާބު ކައިރިވީމާ ވައިޖަހަން ހަދިޔާ ބެހިޔަކަސް.

  2. ސަބަހޭ ރައީސް ޔާމީން 2018 އިންޝާ ﷲ ޔަގީން

  3. ދެންވެސް ރައިސް ޔާމީން.

  4. ކޮން ޒަމާނަކުން.😠