މިއަހަރު ސެޕްޓެމްބަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ހަތް ރިސޯޓެއްގައި ވޯޓުލުމުގެ އިންތިޒާމް އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސުމުން އަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަދާލަތު ޕާޓީއިން ނެރުނު ނޫސްބަޔާނުގައި ބުނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުމުގެ ސަބަބުން އާބާދީގެ 10 ޕަސެންޓަށް ވޯޓުލުމުން މަހުރޫމް ވުމުގެ ބިރު އެބައޮތް ކަމަށާއި އިލެކްޝަންސް ކޮމިޝަންގެ މި ނިންމުން ބަދަލުކުރުމަށް ގޮވާލާ ކަމަށެވެ.

ވަޒީފާ އަދާކުރާ އާބާދީގެ ގާތްގަނޑަކަށް 15 އިންސައްތަ މަސައްކަތްތެރިންގެ ވޯޓުދިނުމުގެ އަސާސީ ހައްގު ގެއްލިގެން ދިއުމުގެ ބިރު އޮތްއިރު ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަކީ ނިސްބަތުން ބަލާއިރު ޒުވާނުން ކަމަށްވެފައި ޤައުމުގެ ބޮޑެތިކަންކަން ނިމުމުގައި ޒުވާނުންގެ ހިއްސާނެތި ދިއުމަކީ އެއްގޮތަކަށް ވެސް ވެގެންވާނެ ކަމެއްނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންނަށް ވެސް ވޯޓު ދިނުމުގެ ހައްގު ކަށަވަރު ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބަދަލުކުރުމަކީ ކޮންމެހެން ލާޒިމުކަމެއް ކަމަށް އަދާލަތު ޕާޓީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދާލަތު ޕާޓީއިން އިތުރަށް ހާމަ ކުރިގޮތުގައި ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ރިސޯޓުތަކުގެ ހިއްސާ ލިބޭނެގޮތް ހަމަޖައްސަންވެފައިވާ ވައުދު ފުއްދުމަށް ނުކުޅެދިފައި ކަމަށެވެ. ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް ހީނަރުވެ، ފަތުރުވެރިކަމުގެ ދާއިރާގައި ޖުމްލަކޮށް ސަރުކާރަށް އޮތް ތާއީދު ބޮޑުތަނުން ދަށްވެފައިވާކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދަލާތު ޕާޓީއިން ނެރުނު ނޫސް ބަޔާނުގައި ވަނީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ފަސޭހައިން ވޯޓުލެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޥޯޓުވަގުއަންނި

    ވޯޓުން ވައްކަން ކުރަން އުޅުނީ އަންނި. ޢަންނި ވެރިކަމައް އަރާފަ އެންމެ ފުރަތަނަ ބޭއްވި މަޖްލިސް އިންތިހާބުގަ ބ. ކެންދޫ މީހެއްގެ ނަން ކެންދޫއައް ވޯޓުލާ ލިސްޓްގަޔާ މާލެ ހެންވޭރު ދެކުނުދާއިރާގެ ލިސްޓް ގަ އޮތް މިއީ ވޯޓުން ވައްކަން ކުރަން ހެދިގޮތެއް

  2. ކާފަ

    ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ގިނަ ބަޔަކުތިބީ އަދާލަތު ދެކެ ވަރައްބިރުން އެހެނީ މިކުޑަ ދިވެހިރާއްޖޭގައި އޮތް އިސްލާމީ އަދާލަތު ފުހެލަން ބައިއަތު ހިފައިގެން އުޅޭތީ

  3. ސަމޭދާން

    ވޯޓުން އަބަދުވެސް ވައްކަންކުރަނީ އެމްޑީޕީ މިފަހަރު އަދާލަތުގެ ތިން ކަނޑު ކޮހުން ކަމުގެ ބިރު ވަރައްބޮޑު.