މާފުށީ ޖަލާއި ދިމާލުން ފަތާފައި މާފުއްޓަށް އަރައި، ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅުނު ކަމަށް ބެލެވޭ މީހަކު ފިލަން މޫދަށް ފުންމާލުމުން ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

މާފުށިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ މިހާދިސާ ހިނގީ ރޭގެ ވަގުތެއްގައި ކަމަށެވެ. އޭނާ ބުނީ ރޭގެ ވަގުތެއްގައި ފަތާފައި މީހަކު ޖަލާ ދިމާލުން ތޮށިގަނޑުމައްޗަށް އެރި މަންޒަރު ޖަލުގެ ސެކިއުރިޓީންނަށް ފެނުމުން އޭނާ މޫދަށް ފުންމާލީ އަމިއްލައަށް ކަމަށެވެ.

އޭނާ މޫދަށް ފުންމާލި މަންޒަރު ފެނުމުން ކަރެކްޝަނަލް ސާވިސްގެ އޮފިޝަލުން އޭނާ ހޯދަމުން ދަނިކޮށް ފެނުނީ މޫދުގައި ނިޔާވެފައި އޮއްވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ނަމަވެސް އަދި މިކަމާއި ގުޅޭ ގޮތުން ކަރެކްޝަނަލް ސާވިސްގެ ބަހެއް ނުލިބެއެވެ.

ފުލުހުންގެ މީޑިިިއާ އޮފިޝަލް ވިދާޅުވީ، މާފުށި ޖަލާ ދިމާލުން މޫދުގައި މީހަކު ގެނބިފައިވާ ކަމަށް ރޭ 2:22 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެ މީހާ މޫދުން ނަގައިގެން ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ނިޔާވެފައި ވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރުގާ

    އާމީން!

  2. ދިވެހިޔެކަޑަމީ

    މަރުވުން، ނިޔާވުން، އަވަހާރަވުން މިއީ ތިން ވައްތަރެއްގެ މީހުންނަށް ނިސްބަތްކޮށް އޮންނަ ތިން ދަރަޖައެވެ. ހަމަގައިމުވެސް ޖަލަށް ވަގަށް އެއްޗެހި ވައްދަން މަސައްކަތްކުރާ މީހާ ނިޔާއެއް ނުވާނެއެވެ. އަދި އަވަހާރަ އެއްވެސް ނުވާނެއެވެ. އެމީހާވާނީ މަރެވެ.