މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި މިނިސްޓްރީގެ ދަށުން ހިންގާ މަރުކަޒުތަކާއި ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރު (އެފް.ސީ.އެސް.ސީ)ތަކުގައި މަސައްކަތްކުރާ ސޯޝަލް ސަރވިސް ވަރކަރުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށްޓަކައި މިނިސްޓްރީއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ “ކެޕޭސިޓީ ބިލްޑިންގ ފޮރ ސޯޝަލް ވަރކަރސް” ޕްރޮގްރާމުގެ ހަތަރު ވަނަ ބުރު މިއަދު ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ ޓްރޭނިން ޕްރޮގްރާމުގައި އެ މިނިސްޓްރީ އާއި އެފްސީއެސްސީތަކާއި މަރުކަޒުތަކުގެ ޖުމުލަ 20 މުވައްޒަފުން ބައިވެރިވާ ކަމަށެވެ. އަދި ބުނީ އެ ޕްރޮގްރާމްގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުންނާއި މަދަނީ ޖަމްޢިއްޔާތަކުގެ ކަމާ ބެހޭ އެކި ފަރާތްތަކުން ސެޝަންތައް ނަގައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ޕްރޮގްރާމް އިފުތިތާހުކުރުމުގެ ގޮތުން މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ އެންޑް ފެމިލީ ޑރ. މަރިޔަމް ޖަބީން ވިދާޅުވީ ސޯޝަލް ސަރވިސްގެ ޚިދުމަތަކީ އިންސާނީ އަޚުލާޤަށާއި އިޖުތިމާޢީ ނިޒާމުތަކަށް ބަދަލު ގެންނަ، އިންސާނީ ޙައްޤުތައް ކަށަވަރުކޮށް، އިޖުތިމާޢީ އިންސާފު ޤާއިމުކޮށްދޭ، ޙަޤީޤީ މާނައިގައި ވެސް މީހުން ބާރުވެރިކުރުވާ މަސައްކަތެއް ކަމަށެވެ. އަދި އިޖުތިމާޢީ މަސައްކަތްތެރިންނާ ޙަވާލުވެފައިވާ ޒިންމާގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތަކީ އެއްގޮތަކަށް، އެއް ފެންވަރެއްގައި ފޯރުކޮށްދެވޭ ޚިދުމަތަކަށްވާންޖެހޭނެކަމަށާއި، ޚިދުމަތްދިނުމުގައި ވަކިފަރާތަކަށް ނުޖެހުމަށާއި، އިންސާފުން ކަންކަން ބެހެއްޓުމަށް އެ ކަމަނާ އިލްތިމާސްކުރެއްވިއެވެ.

“ކެޕޭސިޓީ ބިލްޑިންގ ފޮރ ސޯޝަލް ވަރކަރސް” ޓްރޭނިންގ ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު ވެސް ޖުމުލަ 53 ސޯޝަލް ސަރވިސް ވަރކަރުން ތަމްރީނުކޮށްފައިވެއެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢާއިޝާ

    ބޭކާރު ބައެއް. ވާކަމެއްވެސް ނުވާކަމެއްވެސް ނޯންނަ ބައެއް. ގޮޑިހޫނުކޮށް މުސާރަނެގުން ކަމަކީ. ލަދުގަނޭ މިވަޒީފާގައި ހުރެ އަމިއްލައަށް ރައްދުވާގޮތަށް މިހެން ބުނަންވެސް.

  2. ޢސްލު

    މަވެސް އަޖައިބުވެއްޖެ! ގާބިލުކަން އިތުރު ނުވިބައެއްq