މިދިޔަ މަހު ރާއްޖޭގެ ޖަލަށްލި މީހުންގެ ތެރެއިން 51.6 ޕަސެންޓް ގައިދީން ޖަލަށްލީ މަސްތުވާތަކެތީގެ މައްސަލައިގައި ކަމަށް ކަރެކްޝަނުން ބުނެފިއެވެ.

ކަސްޓަސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އެކި މައްސަލަތަކުގައި 80 މީހަކު ވަނީ ޖަލަށް ގެންގޮސްފައެވެ. އޭތެރެއިން 64 މީހަކަށް ހުކުމް ކޮށްފައިވާއިރު 16 މީހެއްގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.

މިދިޔަ މަހު ޖަލަށްލީ މީހުންގެ ތެރެއިން ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ޖަލަށް ގެނައި މީހުންނެެވެ.

މިދިޔަ މަހު ހައްޔަރު ކުރި 51.6 ޕަސެންޓް މީހުންނަކީ މަސްތުވާތަކެތީގެ މަސައްލަތަކުގައި ހައްޔަރުކުރި މީހުންނެެވެ. ދެވަނައަށް އެންމެ ގިނައިން ވައްކަމުގެ މައްސަލަތަކެވެ. އެ ބާވުތެ މައްސަލައިގައި 21.9 ޕަސެންޓް މީހުން ވަނީ ޖަލަށްލާފައެވެ.

ކަރެކްޝަނުން ބުނީ މިދިޔަ މަހު 52 މީހަކު ޖަލުން ދޫކޮށްލާފައިވާ ކަމަށެވެ. އޭގެތެރެއިން 23 މީހުން ދޫކޮށްލީ ހުކުމް ތަންފީޒުކުރުމަށް ފަހުގައި ކަމަށް ކަރެކްޝަންސް އިން ބުނެފައެވެ.

މިދިޔަ މަހު މާފުށީ ޖަލުން 682 ގައިދީނަށް ފޯނުން ގުޅުމުގެ ފުރުސަތު ދީފައިވާއިރު 241 މީހަކަށް ވީޑިއޯ ކޯލް ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. މާލޭ ޖަލުން 394 ގުޅުމުގެ ފުރުސަތު ދީފައިވާއިރު ވީޑިއޯ ކޯލް ކުރުމުގެ ފުރުސަތު ދީފައިވަނީ 137 ގައިދީ އަކަށެވެ.

ކަރެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު މާފުށީ ޖަލުން ވަނީ ގަވައިދާ ހިލާފަށް އެތެރެކުރި 11 ފޯނަކާއި 11 ސިމްކާޑެއް އަތުލައިގެންފައެވެ. އަދި އައްސޭރި ޖަލުން ވަނީ 13 ފޯނަކާއި 11 ސިމްކާޑެއް އަތުލައިގެންފައެވެ.