ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންނާއި އާއިލާ މީހުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެގެން އަނެއްކާވެސް ހުޅުވާލައިފިއެވެ.

މީގެ ކުރިންވެސް އެކި ފަހަރުމަތިން ވަނީ މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެގެން އިއުލާނުކޮށްފައި ވެއެވެ.

މަޖިލީހުގެ އިދާރާގެ އެދުމުގެ މަތިން ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ.

ފައިސާ ބަލައިގަންނާނީ އަންަނ އާދީއްތަ ދުވަހުން ފެށިގެން އޭގެ އަނެއް ހަފްތާގެ އަންގާރަ ދުވަހާއި ހަމައަށް ކަމަށް އެ އިއުލާނުގައިވެއެވެ. ފައިސާ ދައްކަން ޖެހެނީ މިނިސްޓްރީގެ އޮންލައިން ޕޯޓަލް ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ.

ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ މެއިލް ކުރުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވެއެވެ.

މި މަސައްކަތްތަކާ ގުޅޭގޮތުން އާންމުކުރާ އެންމެހާ ލިޔެކިޔުންތައް މިއަދުން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/50,000ރ (ފަންސާސްހާސް) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ އަންނަ މާރިޗް 31 ދުވަހުގެ މެންދުރުފަހު 10:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާ ކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީން އެފަދަ އިއުލާނެއްކޮށްފައިވާއިރު، އިއްޔެ އޮތް މަޖިލީސް ޖަލްސާގައި ބަހުސް ކުރިއަށް ދިޔައި މަޖިލީހުގެ މެންބަރުންނާއި މެންބަރު ކަން ކުރެއްވި ބޭފުޅުންގެ އަނބި / ފިރިއާއި 18 ނުފުރޭ ދަރިންނަށް ހެލްތު އިންޝުއަރެންސް ދިނުމާއި ގުޅޭ މައްސަލައަށެވެ.