ރައްޔިތުންގެ މަޖލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް މިދިޔަ އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހު ދިން ނުރައްކާތެރި ނިރުބަވެރި ހަމަލާއާއި ގުޅިގެން ކުރިއަށްދާ ތަހުގީގު ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް، ރައީސް ނަޝީދާ ބައްދަލުކުރައްވައިފިއެވެ.

އިއްޔެ މެންދުރުފަހު ރައްޔިތުންގެ މަޖިލީސް ކުރާ އިދާރާގައި ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެސް އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ދެ ބޭފުޅުން ބައްދަލުކުރެއްވިކަން ސިއްރުކޮށްފައެއް ނުވެއެވެ.

މިއީ އައްބާސް ފާއިޒު ރައީސްގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން ރައީސް ނަޝީދާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. މިބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އައްބާސް ފާއިޒު ވަނީ މިދިޔަ ހޯމަ ދުވަހު ވަނީ ބަންޑާރަނައިބް އިބްރާހީމް ރިފްއަތާ ވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކުގެ މައުލޫމާތު އައްބާސްއާ ހިއްސާކުރައްވާފައިވެއެވެ. މީގެއިތުރުން ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަކަށް އެކުލަވާލާފައިވާ އިންޓެލިޖެންސް އޮޑިޓް ރިޕޯޓްގައިވާ ހުށަހެޅުންތައް ތަންފީޒުކުރަމުންދާ ގޮތުގެ މައުލޫމާތު ވެސް ބަންޑާރަނައިބް ރިފްއަތު ވަނީ ހިއްސާކުރައްވާފައެވެ.

މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދު އޭރު ދިރިއުޅުއްވި އާއިލީ ގެކޮޅު ގަލޮޅު ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް އެތަނުގައި ޕާކުކޮށްފައިހުރި ސައިކަލެއްގައި ހަރުކޮށްގެން ބާރުގަދަ ބޮމެއް ގޮއްވާލާ ދިން ނުރައްކާތެރި ހަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.

އެމަނިކުފާނުގެ ހަށިކޮޅަށް އެކިވަރުގެ ޒަހަމްތައް ލިބިވަޑައިގެންފައިވާއިރު އެންމެ ފުރަތަމަ އެމަނިކުފާނަށް ފަރުވާ ކޮށްފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އަދި އެއަށްފަހުގައި އެމަނިކުފާނު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ފުރާވަޑައިގެންފައެވެ. އަދި ޖަރުމަނުން އިތުރު ފަރުވާ ހޯއްދަވައިގެން އިނގިރޭސި ވިލާތަށް ވެސް އެމަނިކުފާނު ވަނީ ފަރުވާއަށް ވަޑައިގެންފައެވެ.

ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއް ނިމި ތުހުމަތު ކުރެވޭ މީހުނާ މެދު ޝަރީއަތް ކުރެވި ނިހާއީ ހުކުމަކާ ހަމައަށް ވާސިލް ވަންދެން އައްބާސް ފާއިޒް މަސައްކަތުގައި ދެމިހުންނަވާއިރު، އޭނާ މަސައްކަތް ކުރަނީ ރައީސް އޮފީހުގައެވެ.