ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބާކީ ކުރަން އުޅޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވުމާ ގުޅިގެން މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ރައްދުދެއްވައިފިއެވެ.

މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގެ ފޯރި ވަނީ ގަދަވެފައެވެ. އެތެރޭގެ އިންތިހާބުތަކާއެކު އެ މަންޒަރު ވަރަށް ބޮޑަށް ސާފުވެފައެވެ.

އެގޮތުން ނަޝީދުގެ ތާއީދާއެކު އިންތި ޗެއާޕާސަން ކަމަށް ވާދަކުރައްވާއިރު ދެން ވާދަކުރައްވަނީ ރައީސް ސޯލިހްގެ އެންމެ އަރިސް އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. މެމްބަރު އިސްމާއިލްއަކީ މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ވަޒީރު ފައްޔާޒްގެ ފަހަތުގައި ހުންނެވި މެމްބަރެކެވެ.

ގއ.ދެއްވަދޫ އަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި އިންތި ވިދާޅުވީ ނަޝީދު އެޕާޓީން ބާކީކޮށް، ބޭރުކޮށްލަން ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ޕާޓީން ބާކީކޮށް، އެއްފަރާތް ކުރަން މަސައްކަތް ކުރާ ކަމަށް އިންތި އާއި އޭނާގެ ކެމްޕޭން ޓީމުން އަބަދުވެސް ތުހުމަތު ކުރައްވައެވެ.

އެކަމަށް ރައްދު ދެއްވައި އިސްމާއިލް ވިދާޅުވީ ބަލި އިއުލާނު ކުރެއްވުމުގެ ބަދަލުގައި އެމްޑީޕީވަންތަ ކެމްޕޭނެއް ކުރައްވަން ޖެހޭ ކަމަށެވެ. އަދި 2008 ވަނަ އަހަރުގެ އިންތިޚާބާ ދިމާކޮށް އޭރުގެ ޑީއާރުޕީން ދެއްކީ އެމްޑީޕީން އިންތިޚާބު ކާމިޔާބުކޮށްފިނަމަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުމުރު ދުވަހަށް ޖަލަށްލާނެކަމުގެ ވާހަކަތައް ކަމަށާއި އަދި އެމްޑީޕީން ރާއްޖޭގައި ފައްޅި އަޅާނެކަމުގެ ވާހަކަވެސް ޕީޕިއެމުން 2018ގައި ދެއްކި ކަމަށް މެންބަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ޕީޕީއެމްއިން ދެއްކި ވާހަކައަކީ ކޮމަންޑޫ ދާއިރާގަ ބަންގިއެއް ނުގޮވާނެކަމުގެ ވާހަކަތައްކަން ފާހަގަ ކުރައްވާ އޭނާ ވަނީ އިންތިގެ ވާހަކަތަކަކީ ވަރަށް ޕީޕީއެމްވަންތަ ވާހަކަތަކެއް ކަމަށް ސިފަ ކުރައްވާފައެވެ.

ހުވަދު އަތޮޅުގެ ރަށްތަކުގައި އިންތިގެ ޓީމުން ކުރަމުންދާ ކެމްޕެއިންފައި އިއްޔެ ހަވީރު ގއ.ދެއްވަދޫއަށް ވަޑައިގެން ދެއްވަދޫ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެމްޑީޕީ ދެފަޅިކޮށްލަން ނުވަތަ ކަފިކަފި ކޮށްލަން ބަޔަކު މަސައްކަތް ކުރާތަން ފެންނަ ކަމުގައެވެ. މިފުރުސަތު ދީފިކަމަށް ވަނީނަމަ، އެމްޑީޕީއަށް ގުރުބާން ވެވަޑައިގެންނެވި ބޭފުޅުންގެ މަސައްކަތް އެދިޔައީ ފަހަތަށް ކަމުގައި އިންތި ވިދާޅުވިއެވެ.

"މިޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޭރުކޮށްލަން ނުވަތަ ބާކީކޮށްލަން އަަޅުގަނޑުމެން ޖާގައެއް ނުދޭނަން. މީވަރަށް މުހިންމު ވަރަށް ނާޒުކު ވަގުތު ކޮޅެއް، ހުރިހާ ބޭފުޅުން މިކެމްޕެއިންގެ ބައިވެރިވެވަޑައިގެން މަސައްކަތް ކޮށްދެއްވުމަކީ، ވަރަށް ބޮޑަށް މިޕާޓީ އައިގެން ކުރިޔަށް ދިއުމަށް ބޭނުން ވާކަމެއް." އިންތި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވަހުތާން

    އެވަންތައެއް މިވަންތައެއް ކިޔާނެކަމެއްނެތް. ފަޅިފަޅި ކުރިއަސް ކުދިކުދި ކުރިއަސް މިފަހަރު ބާކީވާނެ. ޗެއާޕާސަނަކަށް މިފަހަރުހޮވާނީ ފައްޔާޒު.

  2. ކޮރޮވަލިގޭ

    ވެރިކަމުގެ ދަހިވެތިކަން ބޮޑީ ކާކުކަން ދިވެހީންނަށް ވަރަށް ސާފު...

    މޮޔަގޮވަނީ ކާކުން... އިންޑިޔާގެ ޕަޕެޓަކީ ކާކުކަންވެސް ދިވެހީނަ މިހާރަކު ނޯޅޭ! ލަދު ހަޔާތް ކުޑަ މިންވަރުވެސް މެ

    އަސްލު ދިވެހި ޤައުމުދެކެ ލޯބިވާ، ހަޤީޤީ މާނައިގަ ދިވެހި ދަރިޔަކު ނޭދޭނެ އިންޑިޔާގެ މިލްޓްރީ މަގައުމުގައި ތިބޭކަށް..

    މީގެން އިސްތިސްނާވަނީ، އަމިއްލަ އެދުމުން ފޯވެފައިވާ، ކުޑަ އަގަކަށް ގައުމު ވިއްކަން އެދޭ، ލާދީނީ، މަދުބަޔަކު

    އެމީހުންތައް މިހާރު ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެގެމުން ފާހަގަވަމުން އެބަހަރަދޭ..!

    ދެންތިބެ ނިކަން އަހަރުމެންކާރިޔަށް ވޯޓޭ ކިޔާފަ ނާންނާތީ..
    ގައުގެ ޚާއިނުން، ޢައްދާރުން.. ޓެރަރިސްޓުން.. ބާޢީން..

    ދިވެހި ގައުމު ދެކެލޯބިވާ ދަރިޔެއްގެ އަޑު

  3. ކުރުސީ ހަލާކު

    މުހައްމަދު ނަޝީދު މިއީ ކާކު މީނާގެ ފަހަތުން ނުޖެހޭނެ އެއްވެސް މީހަކު އެބުރޭކަށް ނަޝީދު އަކީ ދޮގުހަބަރު ފަތުރައިގެން ތާއީދު ހޯދަން އުޅޭމީހެއް

  4. މަކަލޭލީ

    މީ އަމިއްލަ ސިކުނޑިން ވިސްނަންވެސް އިގޭ މީހެއް ނޫން. މިކަހަލަ މީހަކު ދުވާފަރު މީހުން ހޮވާފަ ހުރީމަ ވެސް ލަދުން ބޯހަލާކު.

  5. ހުސޭނުބޭ

    އެެހެންވީމާ ދުނިޔޭގައި ބާކީވެފައި ތިބި ހުރިހައި މީހުންނާއި ހުވަފަތްވެފައި ތިބި މީހުންނަނީ މީނާގެ ބަހުންނަމަ ޕީޕީއެމް ވަންތަ މީހުން ދޯ!

  6. ބަރުގޮނު

    ނަޝީދު ބާކީ ކުރާކަށް އެޕާޓީގެ އެކަކުވެސް ނޫޅޭނެ. ނަޝީދު ބާކީވިއްޔާ ވާނީ އަމިއްލައަށް. ރައީސް ކަމުން އިސްތިޢުފާ ދެއްވީވެސް އަމިއްލަޔަށް. އިސްތިޢުފާ ގެ ސިޓީ ލިޔުއްވީވެސް އަމިއްލަ އަތުން އަމިއްލަޔަށް.