ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށް އަދުހަމް މުހައްމަދު ޝަރީއަތުގައި އިއުތިރާފްވި ނަމަވެސް އޭނާއަށް އަދަބު ލުއިކޮށްދެވެން ނެތް ކަމަށް މައްސަލައާއި އަލަށް ހަވާލުވި ގާޒީ އަލީ ނަދީމް ނިންމަވައިފިއެވެ.

ޑިސެމްބަރު 4، 2019 ގައި ގާސިމް މަރާލީ ޓެކްސީ ދަތުރެއް ކޮށްދެނިކޮށް ހުޅުމާލޭގައި އޭނާއަށް ދިން ހަމަލާއެއްގައެވެ. އެއީ އެ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައިގައި އަދުހަމް ހައްޔަރު ކޮށްފައި ވަނީ އޭގެ 15 ދުވަސް ފަހުން ޑިސެމްބަރު 15، 2019 ގައެވެ.

ތަހުގީގު މަރުހަލާގައި އަދުހަމް ވަނީ ކުށަށް އިއުތިރާފް ވެސް ވެފައެވެ. އަދި މައްސަލައިގެ ތަހުގީގު އަވަސްކޮށް އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވާލަން ވެސް އެއްބަސްވިއެވެ. އެކަމަކު ފަހުން ކުށަށް އިންކާރު ކުރިއެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަދުހަމް އަނެއްކާ ވެސް ކުށަށް އިއުތިރާފްވިއެވެ. އަދި ދައުލަތާ އެކު ގާއިމްކޮށްފައިވާ އެއްބަސްވުމުގެ ދަށުން އަދަބު ލުއިކޮށްދޭން އޭނާ އެދުނެވެ. އެކަމަކު ދައުލަތުން ފާހަގަ ކުރި ކަމަކީ ޝަރީއަތް ފަށާ ފަހުން ކުށަށް އިއުތިރާފްވިޔަސް އަދަބު ލުއިނުކޮށްދެވޭނެ ކަމުގައެވެ.

މިއަދު ވެސް އަދުހަމް ވަނީ އޭނާގެ ވާހަކަތައް ތަކުރާރުކޮށްފައެވެ. އަދި އެއީ އޭނާގެ އަތުން ގަސްތަކު ނެތި ކުރެވުނު ކަމެއް ކަމުގައި އަދުހަމް ބުންޏެވެ. އެހެންވެ އަވަސް ނިޔާގެ ދަށުން ހުކުމް އިއްވާ ގޮތަށް ޝަރީއަތް ވީހާވެސް އަވަހަށް ނިންމައިދޭން އޭނާ އެދުނެވެ.

ނަމަވެސް މައްސަލައާއި އަލަށް ހަވާލުވި ގާޒީ އަލީ ނަދީމް ވިދާޅުވީ އަދަބު ލުއިކޮށްދެވެން އަންނަނީ އިބްތިދާއީ މަރުހަލާގައި ކުށަށް އިއުތިރާފްވިނަމަ ކަމަށެވެ. އެކަމަކު އޭރު ކުށަށް އިންކާރު ކޮށްފައި ފަހުން ކުށަށް އިއުތިރާފްވިޔަސް އަދަބު ލުއިކޮށް ނުދެވޭނެ ކަމުގައި ގާޒީ ކަނޑައެޅުއްވިއެވެ.

މީގެ އިތުރުން އަދުހަމް ތަކުރާރުކޮށް އެއީ އޭނާ ގަސްތަކާއި ނުލާ ކުރި ކަމެއް ކަމަށް ބުނާތީވެއާއި، ދައުލަތުން އެއީ އޭނާ ގަސްތުގައި ކުރި ކަމެއް ކަން ސާބިތުކޮށްދޭން ބޭނުންވާތީވެ ގާޒީ ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ނަގަން ނިންމައިފައެވެ.

މިއަދުގެ ޝަރީއަތުގައި ތިން ހެއްކެއްގެ ހެކި ބަސް ނެގިއެވެ. އެއީ ހާދިސާ ހިނގި ވެއްޓަށް ހާޒިރުވި ފުލުހުންގެ ފޮރެންސިކް އޮފިސަރަކާއި، ގާސިމްގެ ހަށިގަނޑު ތަހުލީލު ކުރި ފުލުހުންގެ އޮފިސަރެއްގެ ހެކި ބަހެވެ. ތިންވަނަ ހެކި ވަނީ މީޑިއާ ނެތި ހެކިބަސް ނަގައިދޭން އެދިފައެވެ. އެހެންވެ އެއީ ކޮން ހެއްކެއް ކަމެއް ނޭނގެއެވެ.

ގާޒީ ވަނީ ދެން ތިބި ހެކިންގެ ހެކިބަސް ނަގަން ތާވަލެއް އެކުލަވާލާފައިވެއެވެ.

އެ ގޮތުން އަންނަ މަހުގެ ފަސްވަނަ ދުވަހު ހެނދުނު 11:00 ޖަހާއިރު އަޑުއެހުމެއް، 11 ވަނަ ދުވަހުގެ މެންދުރު 2:00 ޖަހާއިރު އަޑުއެހުމެއް، 13 ވަނަ ދުވަހު ހެނދުނު 10:00 ޖަހާއިރު އަޑުއެހުމެއް، އަދި 14 ވަނަ ދުވަހު ހެނދުނު 11:00 ޖަހާއިރު އަޑުއެހުމެއް ބާއްވަން ނިންމައިފައެވެ.

ގާސިމްއަކީ އދ. މާމިގިއްޔަށް އުފަން މީހެކެެވެ. ޑްރައިވަރު ގާސިމް ނިޔާވިއިރު އުމުރުން 59 އަހަރެވެ. އޭރު އަނބިމީހާއާއި ފަސް ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.

ގާސިމް މަރާލި ކަމަށް ތުހުމަތު ކުރާ އަދުހަމަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ފޭރުމާއި ވައްކަމުގެ ރެކޯޑު އޮތް މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަ

    ބަރާބަރު

    10
  2. އާވިމް

    ރަނގަޅު.

    10
  3. ގައުމު

    އަދަބު ލުއި ނުކުރިޔަސް ކުރިޔަސް ތިޔަ މީހަކު ނުމަރާނެ ، ޖަލަށް ހުކުމް ކުރާނީ ، ޖަލުގައި ހުންނާނީ 5 ވަރަކަށް އަހަރު ، ކޮންމެވެސް އަފް އާމެއް ، ކުލެމެންސީއެކޭ ކިޔައި ދޫކޮށްލާނެ. ޖަލުގައި ހުންނަ 5 އަހަރުތެރެއިން 3 އަހަރު ގޭ ބަންދު އަނެއް 2 އަހަރު ބަލިވެގެން ދައުލަތުގެ ހަރަދުގައި ބޭސްފަރުވާ ކުރުމުގައި ރާއްޖެއިންނާއި ރާއްޖެއިން ބޭރުން.. މީ 100% މުސްލިމު ގައުމުގައި މީހަކު މެރީމަ އޮންނަ އިންސާފު..

    18
    • ބަހުސް

      100% މުސްލިމްއީ މިތާ ތިބި ރައްޔިތުން. އެރައްޔިތުންގެ މައްޗަށް ހިންގާ ޤާނޫނުތަކަކީ އިސްލާމްދީނާ ބެހޭ އެއްޗެއް ނޫން.

  4. Anonymous

    މެންދުރު މފެންނަ އިރަކީ އިރުކަމައް ތުހުމަތު ކުރެވޭ އެއްޗެއް

  5. ޢާދަނުބެ

    ބަލަ ރާފުޅިއެތް ބޯލާއިރު ނޭނގޭތަ މީހާ މަސްތުވާނެކަމެތް މަސްތުވީމަ މިހާ ބުއްދި ފިލާދިއައީމަ ކޮންމެފަދަ ޖަރީމާއެތްވެސް ހިންގިދާނެކަމެތް ތީ ހަމަ ގަސްތުގަ މަރާލި މީހެތް

    1
    1
  6. ޔޫތު

    މީހުން މަރާ ރޯނާ ގަންނަވާފަވެސް އަދަބު ލުއިކޮށްދެން އެބައެދެއެއްނު.ލަދު ހަޔާތްވެސް ގަންނަން ނޭނގޭނެ. ކަލޭއޮވޭ ޖަލުގަ އުމުރު ދުވަހު.ހިނިތައް އައިސް ކަލޭ ކައިގެން ހަނާވާން