ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލައިގައި ދައުވާ ލިބޭ އަދުހަމް މުހައްމަދު މައްޗަށް ދޭނެ އަދަބެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވަން ތާވަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މި އަޑު އެހުން އޮންނާނީ މާދަމާ ހެނދުނު 9:30 ގައެވެ. މި މައްސަލައިގައި އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން އުފުލި މި ދައުވާ އަދުހަމްގެ މައްޗަށް ސާބިތުވާ ކަމަށް ނިންމީ މިދިޔަ މަހުގެ 19 ގައެވެ.

ގާސިމްގެ ގަޔަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނީ ޑިސެމްބަރު 2019 ގައެވެ. ގާސިމް، ހުޅުމާލޭގައި ޓެކްސީ ދުއްވަމުން ދަނިކޮށް އަދުހަމް ހަމަލާ ދިނީ އެ ކާރުގެ ފަހަތު ޝީޓްގައި އިނދެފައެވެ. އަދުހަމް އެންމެ ފުރަތަމަ ވަނީ ކުށަށް އިއުތިރާފްވެ، އެކަން ކުރީ މަސްތުގެ ހާލަތުގައި ހުއްޓާ ކަމަށް ބުނެފައެވެ.

އެކަމަކު، ފަހުން އޭނާ ވަނީ ކުށަށް އިންކާރުކޮށްފައެވެ.

އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް އިއްވެވި ހުކުމްގައި ވަނީ އެ ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައިވާތީ އެކަން ކުރީ އަދުހަމް ކަން ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމަށެވެ. ގާސިމަށް ހަމަލާދިން ސަބަބާ ބެހޭގޮތުން އެކިފަހަރު އެކިގޮތަށް އަދުހަމް ތަހުގީގުގައި ވާހަކަ ދެއްކިޔަސް، ކޮންމެ ފަހަރަކު ވެސް ވަޅި ހެރި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ވެސް ހުކުމްގައިވެއެވެ.

ގާސިމަށް އަދުހަމް ހަމަލާދިނީ އޭނާގެ އަތުން ފޭރެން އުޅުމުގެ ތެރޭގައެވެ.

ގާސިމަށް ހަމަލާދިނުމުގައި މަރާލުމުގެ ގަސްދެއް ނެތް ކަމަށް އަދުހަމް ބުނެފައިވާ އިރު، އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނަނީ ބޭނުންކުރި ހަތިޔާރާއި ހަމަލާ އަމާޒު ކުރެވުނު ގުނަވަނަށް ބަލައިގެން ކަމަށެވެ.

ވަޅިއެއް މީހެއްގެ ކަރަށް އަމާޒު ކުރުމަކީ މެރުމުގެ ނިޔަތް އޮތްކަން ދެނެގަނެވޭނެ ކަމެއް ކަމަށާއި ހަމަލާއަށްފަހު ގާސިމް އެހީއަށް އެދި ގޮވަމުންވެސް އެހީނުވެ، ކުށުގެ ވެށިން ފިލާފައިވާތީ އެއީ މެރުމުގެ ގަސްދު އޮތް ކަން ދަލީލްކޮށްދޭ ކަމެއް ކަމަށް ވެސް ހުކުމްގައިވެއެވެ.

އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމިޔަސް، އޭނާއަށް އަދަބު ކަނޑައަޅާނީ ގާސިމްގެ ވާރިސުންގެ ބަސް ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މަރަށް މަރު ހިފުމަކީ މިފަދަ ކުށްތަކުން މުޖުތަމައު ސަލާމަތްކުރުމަށް އޮތް ޙައްލެއްކަމަށްވާއިރު ދިވެހިން މިފަދަ ކުށްތަކުން ސަލާމަތްވެދާނެތީ ހިތްނޭދޭ ކާފަރުންގެ ޕްރެޝަރ އިންތިހާއަށް ދިވެހިރާއްޖެއަށް އޮތްކަން ފާހަގަކުރަން.

    12
  2. ހާކިމު

    އަދަބު ކަނޑައެޅުމުގައި ވާރިސުންގެ ތެރެއިން މީހަކު ގިސާސު ހިފަން ދެކޮޅުހެދިޔަސް ހާކިމަށް ލިބިގެންވާ ބާރެއް އެއީ ތައުޒިީރުގެ ހުކުމެއް ގޮތުން ހައްދު ގާއިމުކުރުމަކީ.

    މިއީ ވާރިސުންނަށް ބިރުދައްކައިގެން ނޫނީ ގަނެގެން ހައްދުން ރެކެން އަނިޔާވެރިންނަށް ފުރުސަތު ނުދިނުމަށް ދީނުގައި އޮންނަގޮތް.

    މިހާރު ރާއްޖޭގެ ކަންތައްހުރިގޮތުން ގާޒީ މިކަމަށް ބަލަންޖެހެ

    13
    1
  3. Anonymous

    ތިޔަކަމެއް ނުވާނެ. ރީތިކޮށް ﷲ ގެ ޝަރީޢަތް ތަންފީޒެއް ނުކުރާނަމޭ ބުނިނަމަ މާ ރަނގަޅުވީސް ކަންނޭނގެ. މިހާރު ތިޔަހެން ތަޅުވާތާ ހަތަރު އަހަރުވެގެން ދިޔައީ.
    ވާގޮތަކީ ރޭޕިސްތާނާއި ހުޅަނގު ބުނާ އިންސާނީ ޙައްޤުތަކަށް މިކަން ވަންނާތީ ﷲ ގެ ޝަރީޢަތް ބާއްވާފައިވެސް އެބަޖެހޭ އެމީހުން ބުނާ ގޮތަކަށް ހަދަން