ހުޅުމާލޭގައި މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލް އަދުހަމް މުޙައްމަދު މެރުމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމް ކޮށްފިއެވެ.

ޓެކްސީ ޑްރައިވަރު ގާސިމް ޙަސަން މަރާލީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގައެވެ. އެއީ އެ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވޭ ޅ. ހިންނަވަރުު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު ހައްޔަރުކޮށްފައި ވަނީ އޭގެ 15 ދުވަސް ފަހުން ޑިސެމްބަރު 19 2019 ގައެވެ.

އަދުހަމްގެ މައްޗަށް އުފުލި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވާކަމަށް ހުކުމްކޮށްފައި ވަނީ މިދޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެދުވަހުގެ ޝަރީޢަތުގައި ހުކުމް އިއްވަމުން ޤާޟީ އަލީ ނަދީމް ވިދާޅުވީ، ޤާސިމް ޙަސަން މަރާލި ސަރަޙައްދުން ފެނުނު ވަޅިން، މި މައްސަލާގައި ދައުވާލިބޭ އަދުހަމް މުޙައްމަދުގެ ޑީއެންއޭ ފެނިފައިވާތީ ވަޅި ހެރިކަމާއިމެދު އެއްވެސް ޝައްކެތް ނެތްމިންވަރަށް ޔަޤީން ވެފައިކަމަށެވެ. އަދި ވަޅީގެ މައްސަލާގައި އަދުހަމް އެކިފަހަރު އެކި ގޮތަށް ވާހަކަ ދެއްކިޔަސް، ވަޅި ހެރިކަމަށް އޭނާ އެއްބަސްވެފައިވާކަމަށް ޤާޟީ ވިދާޅުވިއެވެ.

ޤާސިމް މަރާލުމުގައި އަދުހަމް، ޤާސިމްގެ ކަރަށް ވަޅި ހަރާފައިވަނީ ގަސްތުގައި މީހަކު މަރާލުމުގެ ނިޔަތުގައި ނޫންކަމަށް ބުނި ނަމަވެސް އޭނާގެ އަމަލުތަކުންނާއި ވަޅިހެރުމަށްފަހު، ކުށުގެ ވެށިން ފިލުމަށް ކުރި މަސައްކަތުންވެސް މިއީ އޭނާ ގަސްތުގައި ކޮށްފައިވާ ކަމެއްކަން ހާމަވާކަމަށް ހުކުމުގައިވެއެވެ.

އޭނާހުރީ މަސްތުގެ ހާލަތުގައި ކަމަށް ބުނި ނަމަވެސް އޭނާ އެވަގުތު ހުރީ އޭނާ ކުރި ޢަމަލުގެ ނަތީޖާ ނުވިސްނޭ ހާލަތުގައި ނޫންކަމަށްވެސް އަދުހަމަށް ހުކުމް އިއްވަމުން ޤާޟީ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހާ އެކު އަދުހަމް އެކުލަވާލީ އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ.

މި އެއްބަސްވުމުގެ ދަށުން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ގާސިމަށް ހަމަލާ ދިން ކަމަށް އެއްބަސްވެ، ކަން ހިނގައިދިޔަގޮތް ވަރަށް ތަފްސީލްކޮށް ކިޔައި ވެސް ދީފައެވެ. ނަމަވެސް ފަހުން އަދުހަމް ވަނީ، އިއުތިރާފުވީ ފުލުހުން އަނިޔާކުރުމުން ކަމަށް ބުނެ އެ އިއުތިރާފުން ރުޖޫއަވެފައެވެ.

އޭގެ ފަހުން އަދުހަމް ވަނީ ދެވަނަ ފަހަރަކަށް ކްރިމިނަލް ކޯޓުގައި އިއުތިރާފުވެފައެވެ. ނަމަވެސް އޭނާ ވަނީ، އެއީ މަސްތުގެ ހާލަތުގައި ހުރުމުން ކުރެވުނު ކަމެއް ކަމަށާއި، ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް ބުނެ ކުށުގެ ނިޔަތަށް އިންކާރުކޮށްފައެވެ.

އަދުހަަމް މަރަން ކުރި ހުކުމް އޭނާ އިސްތިއުނާފު ނުކޮށްފިނަމަ ދައުލަތުން އެމައްސަލަ ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހަޅާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ހުސޭނުބޭ

    އަވަހަށް ތި ޙުކުމް ތަންފީޒުކުރޭ! އޭރުން ތިކަހަލަ ނުލަފާ މީހުންގެ ކިބައިން މުޖުތަމަޢުވެސް ސަލާމަތްވާނެ!

    57
  2. Anonymous

    ތަންފީޒު ނުވާ ހުކުމް ކުރުމުގެ ބޭނުމެއް ނެތް.. މަރުވި މީހާގެ އާއިލާ ހިތާމައިގައި ، އާއިލާގެ އާމްދަނީ ހުއްޓުނީ ، އާއިލާއިން މަރުވި މީހާގެ ވަސިއްޔަތާއި ، ދަރަނިތައް ދެއްކުމުގައި، ކުއްވެރިޔާ ޖަލުގައި ހުރެގެން ދައުލަތުން ދިނީމައި ކައިގެން ބޮޔެގެން ، ނިދައިގެން ، އާއިލާ ބައްދަލުކޮށްފައި ، ކުޅިވަރު ކުޅެލައިގެން. ޢުޅެންވީ އެކަހަލަ މަރުގެ ހުކުމް ރާއްޖޭގައި ކުރަނީ.. އިންސާފުގެ އެންމެ މަތީ މިންގަނޑު ކަށަވަރު ވެފައި..

    57
  3. އަހުމަދު

    ރާއްޖޭގައި ކުރާ ހުކުމަކީ ބިލާހެއް.......

    50
    1
  4. މުޙައްމަދު

    ދެން ކޮން ދުވަހަކުން ހުކުމް ތަންފީޒު ކުރަނީ.

    44
  5. އަހުމަދު

    މަރަން ހުކުމް ކުރަނީ އެކަމު ލަނީ ޖަލަށް، ކަލޭމެންގެ ތިޔަ ޤާނޫނުގެ ކޮށިކަމާއި ބިލާހު ކަމާއެވެ.......

    46
  6. ސީމް

    ހުކުމް ކުރެވިއްޖެނުން ދެން އަފުއާމު ދީފަ ދޫކޮއްލާ ނުވަތަ ޖަލުގެ ދުވަސްކޮޅަކު ގެންގުޅެލާ. މިއެއްނުންމިތާ އާދަކާދައަކީ.

    37
  7. ކުރަނޑިފަތި

    ކުޅޭ ކުޅޭ ހުކުން.

    36
  8. ލަމް

    ކިތައްމެ ހުކުމެއް ކުރިޔަސް މިޤައުމުގަ ތިޔަ ކަމެއް ނުކުރާނެ..އެމްނެސްޓީއަކާއި ހިއުމަން ރައިޓިސްއަކާއި ދެން ހުރި ރައިޓެއް އަޑުގަދަކޮށްފަ ފުއްމާލާނެ. އަދި އަމުދުން މި ރިޔާސީ އިންތިހާބު ބޯމަތިވެފަ އޮއްވަ، ތިޔަ ކަން ވާނެ އެއްވެސް ގޮތެއް ނޯންނާނެ...

    މިޤައުމަށް އަންނަ އެއްވެސް ވެރިއަކަށް މިޤައުމުގަ ޝަރީޢާ ތަންފީޒުކުރާކަށް ނުކެރޭ. ވައްކަން ކުރާ މީހާގެ އަތް އެއްފަހަރުވެސް ނިކަން ބުރިކޮށްލަބަލަ ވާ ގޮތެއް ބަލަން. ދެވަނަ މީހަކަށް އެކަން ކުރަން ކެރޭތޯ ބަލަން...

    28
  9. ލަކީ

    ހެހެ ތީ ކުޅިގަންޑެއް ހެހެ ނުކެރޭނެ މަޜާކަށް

    22
  10. ޖާ

    ބޮޑު ޖޯކެއް ތި ހުކުމް ތަންފީޒްކުރާނެ އިދާރާއެއް ނުހުންނާނެ

    21
  11. ދަތްދޮޅި އާދަނު

    ތިދެންނިމުނީ، ކޯޓްތަކުންނާ، ދައުލަތުގެ ކަމާބެހޭފަރާތްތަކުން މިހުކުމް ތަންފީޒްކުރޭތޯ ނުކުރޭތޯ ނުބަލާނެ، ބޮޑެތި މުސާރަތަކާ އިނާޔަތްތައް ނަންގަވައިގެން ފިނިކޮޓަރީގަ ތިއްބަވާނީ، މަރުގެ އެންމެހުކުމެއްވެސް ތަންފީޒްކޮށްބަލަ އެކަމައްދިރުމެއްވޭ، މުޖުތަމައު އަމާންވެގެންދާނެ، މީހުންމަރާމީހުންނަށް އިނގޭ އެމީހުންނަށް ޖަލުގަ މޮޅުކޮށް ކާލައިގެން އެއްވެސް ސްޓްރެސްއެއްނެތި އުޅެލެވޭނެކަން، އެހެންކަމުން މިފަދަކުށްތައްކުރަން ޖެހިލުންނުވަނީ

    13
  12. މުހައްމަދު

    އަނެއްކާވެސް ދައުލަތައް އިތުރު ބުރައެއް.

    11
    1
  13. ބުރުމާ ގާސިމް

    ޖޯކް އޮފް ދަ އިޔާ😅

    13
  14. އަބްދުﷲ

    އެ ހުކުމް ޖަލު ހުކުމަކަށް ބަދަލު ކުރާ މީހެއް އެބަ ޖެހޭ ބަލަން. އެމީހަކީ ކަނޑަ އެޅިގެން މިއްލަތުން ބޭރުވެފައިވާ ކާފަރެއް. ޢާއިލާގެ އެދުމަކީ މަރަށް މަރު، ޣާޒީ ހުކުމް ކުރީ މަރަން، ދެން މި ހުކުމް އެހެން ގޮތަކަށް އަނބުރާލައިފި މީހަކު ﷲ ގެ ހުކުމަށް އިންކާރު ކޮއްފި....

    15
  15. މޮހޮރު

    ދުނިޔޭގެ ހުރިހާ ގައުމަގުންވެސް މަރަންޖެހޭ މީހުން މަރާ ބަޑިޔަކުން ނަމަވެސް،، މިސޮރު 100މީހުން މެރިޔަސް އެގޭ އަދަބެއްނެތްކަން ،މިފަދަ ބޮޑެތި ކުއްވެރިން މަރަން ޖެހެނީ ކެރޭނެއްގެ ކޮޅަށް އަރުވާފަ ރައިޔިތުން ނަށްގޮވާފަ އެއްތަނަކަށް އެއްކޮށްގެން، ،އޭރުން އެންގޭނެ ނުން

  16. އަހައްމަދޫ

    އަވަސް ކުރޭ. ތިކަހަލަ މިހުން ހަދަން ޖެހޭނެ މިކަހަލަ ބޮޑެތި ކުއްތައް ކުރަން ފަސްނުޖެހޭ ބޮޑެތި މުޖްރިމުންނަށާ އިބުރަތަކައް

  17. Anonymous

    ހުކުމް ވަރައް ސާފު
    ދެން ލަސްނުކޮށް ތިމައުސޫމް ކުއްޖާފުޅު ދޫކޮއްލާ
    މައްސަލަ ނިމުނީ🙉

  18. އަލީ

    ހޯރަ އިއްބެ އަށް ވީގޮތް ވާނީދެން.