އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓް ލުމަށް ސިންގަޕޫރާއި އިންޑިއާގެ ނިއުދިއްލީގައި ވޯޓް ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖެ އިން ބޭރުގައި އިތުރު ދެގައުމެއްގައި ވޯޓް ފޮށި ބަހައްޓަން ނިންމީ ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 452 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ނަމަވެސް 100 ދިވެހިންނަށް ވުރެ ގިނަ ދިވެހި މުވައްޒަފުން ވަޒީފާ އަދާކުރާ ރިސޯޓްތަކުގައި ވޯޓް ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން މިރޭ ނިންމުމުން އިންތިޚާބުގައި ވޯޓްލުމަށްޓަކައި ބަހައްޓާ ވޯޓް ފޮށީގެ އަދަދު 500 އާއި ހާތް ކުރުން އެކަށީގެންވެއެވެ.

އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީ ލަންކާގެ ކޮލޮމްބޯ އާއި މެލޭޝިއާގެ ކުއާލަލަމްޕޫރު އަދި އިނގިރޭސި ވިލާތުގެ ލަންޑަންގައި ވެސް ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓް ލުމުގެ ޙައްޤު 263000 މީހުންނަށް ލިބޭނެއެވެ.