ނ. މާފަރު އެއާޕޯޓު ކުރިމައްޗަށް ވާގޮތަށް އޮންނަ ހުސްބިމުގައި ދަބަރަށް ވެފައި ހުރި 1026 ތާރުފީފާތައް ނަގަން ފަށައިފި ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން ވަގުތަށް ވިދާޅުވީ އެ ތާރުތަށް ނެގުމުގެ މަސައްކަތް އިއްޔެ އެމްޓީސީސީން ވަނީ ފަށާފައި ކަމަށެވެ. އަދި އެ މަސައްކަތް ރޯދަމަށް ނިމޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އަދުނާން ވިދާޅުވީ ތާރުތައް ބިމުގެ ތެރެއަށް ގޮސްގައިވަނީ ކިހާވަރަކަށް ކަމެއް އަދި ނޭންގޭ ކަމަށެވެ. އަދި މިހާތަނަށް ހެދި ސާވޭތަކުން ދައްކާ ގޮތުގައި ތާރުތަކުގެ ސަބަބުން ރަށުގެ ފެން ފަށަލައަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

މާފަރުގައި ދުވަސްވެފައިވާ ތާރުތައް ނަގައިދެއްވާނެ ކަމަށް ރައީސް ސޯލިހް ވެސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އެ ތާރުތަކަކީ ނ. މާފަރު އިންޓާނޭޝަނަލް އެެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމުމަށްފަހު އެ މަސައްކަތްކުރި ޓަފް އޮފްޝޯ ކުންފުނިން އެ ރަށު ކައުންސިލަށް ހަދިޔާކުރި ތާރުތަކެވެ. ނަމަވެސް ގިނަ ދުވަސްވެ ބޭނުން ނުކޮށް ހުރުމުން އެ ތަކެތި ހަލާކުވެ އެ ސަރަހައްދު މަގުމަށްޗަށް ވަނީ ތާރު ފައިބާފަ އެވެ.