ނ. މާފަރު އެއާޕޯޓްގެ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން އިއުލާނު ކޮށްފިއެވެ.

އެ އިއުލާނުގައި ބުނެފައިވާ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ދިވެހި ކުންފުނިތަކަށް ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

މާފަރު އެއާޕޯޓު ހުޅުވީ 2019 އަހަރުގެ ޑިސެމްބަރު މަހު އެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ހިންގަނީ ސަރުކާރުގެ އެއާލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުންނެވެ. މިއީ އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރުގެ އެއާޕޯޓެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދެވަނަ ފިޔަވަހީިގެ މަސައްކަތް 443 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިހާރު ވަނީ ހަވާލު ކޮށްފައެވެ. އެ މަޝްރޫއަށް ހަރަދުކުރާ 443 މިލިއަން ރުފިޔާގެ ތެރެއިން 418 މިލިއަން ހޭދަކުރަނީ އަބޫދާބީ ފަންޑުންނެވެ. ބާކީ 25 މިލިއަން ހޭދަކުރަނީ ސަރުކާރުގެ ބަޖެޓުންނެވެ.