ނިމުނު 2022 ވަނަ އަހަރު މާފަރު އެއާޕޯޓަށް 228 ޕްރައިވެޓް ޖެއްސި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައިލެންޑު އޭވިއޭޝަނުން ބުނާ ގޮތުގައި އެ އެއާޕޯޓު މެދުވެރިކޮށް މިދިޔަ އަހަރުތެރޭ 1571 ފަތުރުވެރިން ވަނީ އެތެރެވެފައެވެ. އަދި 1493 ފަތުރުވެރިން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އައިސްފައި ވަނީ ޔޫރަޕުގެ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް އައިސްފައި ވަނީ މެދުއިރުމަތީގެ ޤައުމުތަކުގެ ފަތުރުވެރިންނެވެ.

މިދިޔަ އަހަރުތެރޭ 228 ޕްރައިވެޓް ޖެޓް މާފަރު އެއާޕޯޓަށް ޖެއްސި ނަމަވެސް އެއީ އޭގެ ކުރީއަހަރަށްވުރެ މަދު އަދަދެކެެވެ. 2021 ވަނަ އަހަރު މާފަރު އެއާޕޯޓަށް ވަނީ 297 ޕްރައިވެޓް ޖެޓް ޖައްސާފައެވެ.

އައިލެންޑު އޭވިއޭޝަނުން ބުނާ ގޮތުގައި މިއަހަރުގެ މިހާތަނަށް މާފަރަށް ވަނީ 26 ޖެޓު ޖައްސާފައެވެ. އަދި މިމަހުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގިނަ އަދަދެއްގެ ޖެޓުތައް އެ އެއާޕޯޓަށް ޖެއްސުމަށް ތާވަލް ކުރެވިފައި ވެއެވެ.

މާފަރު އެއާޕޯޓު ހުޅުވީ 2019 އަހަރުގެ ޑިސެމްބަރު މަހު އެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ހިންގަނީ ސަރުކާރުގެ އެއާލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުންނެވެ. މިއީ އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރުގެ އެއާޕޯޓެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދެވަނަ ފިޔަވަހީިގެ މަސައްކަތް 443 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިހާރު ވަނީ ހަވާލު ކޮށްފައެވެ. އެ މަޝްރޫއަށް ހަރަދުކުރާ 443 މިލިއަން ރުފިޔާގެ ތެރެއިން 418 މިލިއަން ހޭދަކުރަނީ އަބޫދާބީ ފަންޑުންނެވެ. ބާކީ 25 މިލިއަން ހޭދަކުރަނީ ސަރުކާރުގެ ބަޖެޓުންނެވެ.