ރަމަޟާން މަހަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ އެންމެ ތިރީ ފަންގިފިލާގައި އަންހެނުންނަށް ނަމާދުކުރަން ތިބެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، އިސްލާމީ މަރުކަޒުގެ އޮފީހުގެ ރިސެޕްޝަން ކުރިމައްޗަށްވާ ގޮތަށް ރޯދަމަހަށް ހާއްސަކޮށް ދެ ވަނަ ފަންގިފިލާ އަށް އަރަން އުނދަގޫވާ އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ ކަމަށެވެ.

މިކަން މިގޮތަށް ހަމަޖައްސާފައިވީ ނަމަވެސް ސަރުކާރުގެ އިލްތިމާސަކީ ދެ ވަނަ ފަންގިފިލާއަށް އެރޭވަރުގެ ކުޅެދުންތެރިކަން ހުރި އަންހެނުން ނަމާދުކުރުމަށް ދެވަނަ ފްލޯރ ބޭނުންކުރުމެވެ. އަދި އެފަދަ މީހުން ތިރީ ފަންގިފިލާ ބޭނުންކުރާނަމަ، ދެ ވަނަ ފަންގިފިލާއަށް އެރުމަށް ދަތިތަކާދިމާވާ އަންހެނުންނަށް އަނެއްކާވެސް ދަތިތައް ދިމާވެ މިކަން ކުރުމުގެ މަގްސަދު ގެއްލޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ސަރުކާރުން މިގޮތަށް ހަމަޖައްސާފައި ވަނީ މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާގެ ވާހަކަފުޅުތަކަށް އަލިއަޅުވާލައްވައެވެ.

އެގޮތުން އަންހެނުންގެ ހަގީގީ ބާރުވެރިކަން ހޯދައި ދިނުމަށް ކުރަން އޮތީ އިތުރު ކޮންކަންތައްތަކެއް ތޯ ފަޒްނާ، ވަނީ ސުވާލު އުފައްދަވާފައެވެ. މި ޖަލްސާގައި އެކަމަނާ ވަނީ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުން އޮންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ފިރިހެނެއްގެ ނަޒަރުން ވިސްނިފައިނުވާ، ތަޖުރިބާ ކޮށްފައިނުވާ ކަންތައްތަކެއް އަންހެނެއްގެ ނަޒަރުން ވިސްނާ، ސުވާލުކޮށް ހުށައެޅުންތައް ހިއްސާކުރާނެތީއާއި، ނިންމުމުގެ މޭޒަށް އަންހެނުންގެ ވިސްނުން ނުގެންނަހާ ހިނދަކު ކަންކަމަށް ހަގީގީ ހައްލެއް ހޯދުން ދަތިވާނެތީ ކަމަށް ވިދާޅުވެފައެވެ.

މިގޮތުން ފަޒްނާ މިސާލު ޖައްސަވަމުން ވިދާޅުވީ އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވާ ރަމަޟާން މަހަށް ތައްޔާރުވާއިރު އިތުރަށް ވިސްނާލަންވީކަމެއް އޮތްތޯ އަންހެނެއް ގާތު އެހުމަށާއި، މިފަދަ ސުވާލެއް ކޮށްފިނަމަ، ޖަވާބަކަށް، ދެ ވަނަ ފަންގިފިލާއަށް ނޭރޭނެ އަންހެނުންވެސް ތިބޭނެކަމަށާއި އަންހެނުންނަށް ވެސް ތިރީ ފަންގިފިލާގައި ނަމާދުކުރަން ތިބެވޭނެ ޖާގައެއް ހޯއްދަވައިދެއްވުމަށް ބޭނުންވާނެކަމުގައި ފާހަގަކުރައްވާނެ ކަމަށެވެ.