ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންވައިގެން އުފައްދާފައިވާ މައުމޫން ރިފޯމް މޫވްމަންޓުން ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަކޮށްފިއެވެ.

އެމްއާރުއެމްގެ ރަޖިސްޓްރާ ފާތިމަތު ޝަހީދާ ވިދާޅުވީ އިއްޔެ އެމްއާރުއެމް އިން އިލެކްޝައަށް އިތުރު 250 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މިހާތަނަށް ހުށަހެޅި ފޯމުތަކާއެކު، މިހާރު އީސީ ދަފްތަރުގައި 3،000 އަށްވުރެ ގިނަ މެންބަރުން ތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީގެ ދަފްތަރުގައި 4،650 މެންބަރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އަދި މިހަފުތާގައި އިތުރު ފޯމް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ޝަހީދާ ވަނީ ވިދާޅުވެފައެވެ. 3،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ގާނޫނުގައި އޮންނަ ގޮތުގެ މަތިން ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފައެވެ.

މިގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމާ ގުޅިގެން، ސިޔާސީ ޕާޓީގެ މެންބަރުންގެ ޢަދަދު 3،000 ހަމަނުވާ، 4 ޕާޓީއަކަށް، ޤާނޫނުގައިވާ ގޮތުގެމަތިން، 3 މަސްދުވަހުގެ ނޯޓިސް ދޭން އިލެކްޝަން ކޮމިޝަނުން ނިންމައިފައެވެ.

އިލެކްޝަންގެ ދަފްތަރުގައި 3،000 މީހުން ހަމަނުވާ ޕާޓީތައް:

  • މޯލްޑިވްސް ރިފޯމް މޫވްމަންޓް (MRM) – 2302 މެމްބަރުން
    މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (MLSDP) – 2725 މެމްބަރުން
    މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (MTD) – 2489 މެމްބަރުން
    ދިވެހި ރައްޔިތުންގެ ޕާޓީ (DRP) – 2280 މެމްބަރުން

އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމް އުވާލާނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން އެމްއާރްއެމުން ވިދާޅުވީ އެޕާޓީން މެންބަރުން މަދުވެފައިވަނީ އެހެން ޕާޓީތަކަށް ވަގަށް ގެންދިއުމުން ކަމަށާއި ޕާޓީއަށް މެންބަރުން ހަމަވާނެ ކަމަށެވެ.

އެމްއާރްއެމް އުފެދިގެން އައީ ރައީސް ޔާމީނަށް ވެރިކަން ލިބި އެމަނިކުފާނުގެ އެއްބަފާ ބޭބެ ރައީސް މައުމޫން އާއި ޖެހުނު މައްސަލައެއްގައެވެ. މިގޮތުން ރައީސް މައުމޫން ވަނީ ޕީޕީއެމްގެ ބައެއް މެންބަރުންނާއިއެކު ޕާޓީ ދޫކޮށްލައްވާ އެމްއާރްއެމްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. ނަމަވެސް އެޕާޓީއަށް މާބޮޑު ތާއީދެއް ނެތެވެ. ރައީސް މައުމޫންގެ ބައެއް ދަރިކަލުންވެސް ތިއްބެވީ އެހެން ޕާޓީތަކުގައެވެ.

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ހަމަކުރަން ނޯޓިސް ދިނުމަށް ނިންމާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބި 4 ސިޔާސީ ޕާޓީގެ ތެރެއިން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅި 2 ޕާޓީއަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީއެވެ.