މާލޭ ސްކޫލްތަކުގެ 161 ކެޑޭޓް ދަރިވަރުން ސީނިއާ ކެޑޭޓުންގެ ގޮތުގައި ޤައުމީ ކެޑޭޓްކޯ އާއި ގުޅި، ކެޑޭޓް ކަމުގެ ހުވާކޮށް އަދި ހަތިޔާރުތަކާއި ހަވާލުވެއްޖެއެވެ.

މި ސްކޫލް ތަކުގެ ސީނިއާ ކެޑޭޓް ކުދިން ހުވާކުރުމަށް ތާޖުއްދީން ސްކޫލްގެ ހޯލުގައި ބޭއްވި ޚާއްސަ ޖަލްސާ ޝަރަފްވެރިކޮށް ދެއްވައިފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސަދަން އެޑިއުކޭޝަން ޔުނިޓް ކޯރޑިނޭޓަރ އަބްދުލް ވަލިއްޔު އަލީއެވެ. މަޝްހޫރް ދީނީ އީލްމުވެރިޔާ އައްޝެއިޚް ހުސެން ތައުފީޤާއި ޤައުމީ ކެޑޭޓްކޯގެ އިސް މަޤާމުތަކުގެ ބޭފުޅުންނާއި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުން އަދި ކެޑޭޓް ކުދިންގެ ބެލެނިވެރިންވެސް ވަނީ މި ހަފްލާގައި ބައިވެރިވެފައެވެ.

"ޤައުމަށް ހާރިސާއެއް ނުވަތަ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ނުވަތަ މުޖުތަމައު ކަމަކަށް ބޭނުންވެފައިވާ ހާލަތެއްގައި އެފަދަ ކަންތައްތައް ކޮށްދެވޭ ބަޔަކަށް ކެޑޭޓުން ވާން ޖެހޭ. އަދި ނުކުރަން ޖެހޭ ކަމެއް ނުކުރުމުގެ ހިތްވަރާއި އެ ސިފަ އަކީ ކެޑޭޓެއްގެ ގައިގައި ކޮންމެހެން ހުންނަން ޖެހޭ ސިފައެއް." ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ޝަރަފުވެރި މެހްމާން އަބްދުލް ވަލިއްޔު ވިދާޅުވިއެވެ.

ސީނިއާ ކެޑޭޓުން ޤައުމީ ކެޑޭޓް ކޯއާއި ގުޅުމަށް ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަހްމަދު އަލީ

ސީނިއާ ކެޑޭޓުންނަށް ހުވާ ލައިދިނުމުގެ ކުރިން، ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތައުފީޤް ވަނީ ކުރެވެން އުޅޭ ހުވާގެ ބޮޑުކަމާއި މުހިންމު ކަމާއި އަދި އެ ހުވަޔާއި އެއްގޮތަށް އަމަލުކުރުމުގެ މައްޗަށް، އަލިއަޅުވާލާފައެވެ. އަދި ސްކޫލް ދައުރު ނިމުނު ކަމުގައި ވިޔަސް، މިރޭ ކުރެވުނު ހުވާގެ މަތީ ދެމިހުންނަށް ވާނެ ކަމަށްވެސް އޭނާ ވަނީ ދަރިވަރުންނަށް ނަސޭހަތްތެރި ވެފައެވެ.

"ވަގުތު" އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޤައުމީ ކެޑޭޓް ކޯގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓް ޑައިރެކްޓަރު ލިޔުޓަނެންޓް އިބްރާހިމް އިބްތިޝާމް ވިދާޅުވީ ރޭ ހުވާ ކުރި ގިނަ ސީނިއާ ކެޑޭޓުންނަކީ އަލަށް ކެޑޭޓަށް ވަތް ކުދިން ކަމަށާއި އެކުދިންނަށް މި އަހަރުގެ މިނިވަން ދުވަހުގެ ޕެރޭޑްގައި ހަތިޔާރު ހިފަން ލިބުމަކީ އެކުދިންނަށް ލިބޭނެ ވަރަށް ބޮޑު ފަޚްރަކަށް ވާނެ ކަމަށް ދެކޭ ކަމުގައެވެ.

ސީނިއާ ކެޑޭޓުން ޤައުމީ ކެޑޭޓް ކޯއާއި ގުޅުމަށް ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަހްމަދު އަލީ

ހުވާކުރުމަށްފަހު، ސީނިއާ ކެޑޭޓުންނަށް އަޒުމް ލައިދީ ނިމުމުން އެކުދިންނަށްވަނީ ބަޑިވެސް ހަވާލުކޮށްދީފައެވެ. އަދި ބަޑިއާއި ބެހޭގޮތުން އަންގަން ޖެހޭ އެންގުންވެސް ހުރިހާ ކުދިންނަށް ފަހުމްވާނޭހެން އަންގާ، ކެޑޭޓް ކޯގެ އޮފިޝަލަކު ވަނީ ކިޔައިދީފައެވެ.

މާލޭގައި ކެޑޭޓްގެ ހަރަކާތް ހިންގާ ހުރިހާ ސްކޫލެއްގެ ސީނިއާ ދަރިވަރުންވެސް މިރޭގެ މި ހަފްލާގައި ހުވާކޮށްފައިވެއެވެ. އަދި މީގެ ތެރެއިން ބައެއް ކެޑޭޓުންނަކީ ވޭތުވެދިޔަ އަހަރު ޖޫނިއާ ކެޑޭޓެއްގެ ގޮތުގައި ހުރެ، ގްރޭޑް ބަދަލުވުމާއި ގުޅުގެން މަޤާމުގެ ކުރިއެރުން ލިބުނު ކުދިންނެވެ. އަދި އަނެއްބައި ކުދިންނަކީ މުޅިން އަލަށް ސީނިއާ ކެޑޭޓެއްގެ ގޮތުގައި ކެޑޭޓް ކޯއާއި ގުޅުނު ކުދިންނެވެ.

ޖޫނިއާ އަދި ސީނިއާ ކެޑޭޓުންގެ ތެރެއިން ގާތްގަނޑަކަށް 600 -650 އާއި ދެމެދުގެ އަދަދަކަށް ކުދިން މުޅި ޖުމްލަ ޤައުމީ ކެޑޭޓް ކޯއަށް މި އަހަރު އަލަށް ގުޅޭނެކަމަށް ޤައުމީ ކެޑޭޓް ކޯއިން ލަފާކުރެއެވެ.