ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 106 ސްކައުންޓުން އިންޑިއާގެ ރަޖަސްތާންގައި އޮތް ކޭމްޕެއްގައި ބައިވެރިވުމަށް އެ ގައުމުން ފުރައިފިއެވެ.

ދިވެހި ސްކައުޓް އެސޯސިއޭޝަންގެ އިންޓަނޭޝަނަލް ކޮމިޝަނަރު މުހައްމަދު ފައުޒޫން ވިދާޅުވީ މިއީ އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކުން ބައިވެރިވާ ހަރަކާތެއް ކަމަށެވެ.

"މިއީ ގާލް ގައިޑުން އަދި ސްކައުޓުންގެ 18 ވަނަ ޖަމްބަރީ އަށް ފަހު ކުރެވޭ ދަތުރެއް. މި ޖަމްބަރީއަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ހުރިހާ ގައުމަކަށް ދައުވަތު ދީގެން ގާތްގަނޑަކަށް ހުރިހާ ގައުމަކުން ވެސް ބައިވެރިވާ ޖަމްބަރީއެއް." ފައުޒޫން ވިދާޅުވިއެވެ.

މި ހަރަކާތުގެ ދަށުން ދަރިވަރުން ސެލްފް-މޯޓިވޭޓް ކުރުވުމުގެ ބޭނުމުގައި އެކި ކަހަލަ އެކްޓިވިޓީސްތައް ރޭވިފައިވެއެެވެ.

އިންޑިއާގައި ކޮންމެ އަހަރަކުވެސް ޖެނުއަރީ މަހުގައި އިންޑިއާގެ ސްކައުޓްސް އެންޑް ގައިޑްސް އެސޯސިއޭޝަނުން އެ ގައުމުގެ "ނޭޝަނަލް އެޑްވެންޗަރ ކޭމްްޕް" ބާއްވައެވެ. 2019 ވަނަ އަހަރާ ހަމައަށް މި ހަރަކާތުގައި ދިވެހި ސްކައުޓުން ބައިވެރިވެފައިވެއެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މި ހަރަކާތް މެދުކެނޑުނެވެ.

މިފަހަރުގެ ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށް ފައުޒޫން ފާހަގަ ކުރެއްވިއެވެ.

"ކޮވިޑް19 ގެ ފަހުން ހުއްޓުމަކަށް ފަހު މި ހަރަކާތް ހުޅުވިގެންދިޔައިމަ އަސްލު މިހާ ގިނަ އަދަދެއްގެ ކުދިން މި ފަހަރު ބައިވެރިވެގެން މިއުޅެނީ. މިފަހަރު 88 ސްކައުޓުންނާއި އެކުދިންނާއި އެކު 18 މީހުން އިވެންޓްގައި ބައިވެރިވެފައިވެއެެވެ." ފައުޒޫން ބުންޏެވެ.