ގއ.ގެމަނަފުއްޓާއި ގއ.މާމެންދޫ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ލޭބަރ ކޮންޓްރެކްޓް މޮޑެލްގެ ދަށުން އެސްޖޭ ކޮންސްޓްރަކްޝަނާ އާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުންއޮތީ އެކަމަށްޓަކައި މިއަދު ހެނދުނު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހިމް އެވެ. ކޮންޓްރެކްޓަރުގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިހާދެވެ.

ގއ.ގެމެނަފުއްޓާއި ގއ.މާމެންދޫ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ހަވާލު ކުރުމުގެ ރަސްމިއްޔާތު – ފޮޓޯ: އެންވާރްމަންޓް މިނިސްޓްރީ
ގއ.ގެމެނަފުއްޓާއި ގއ.މާމެންދޫ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ހަވާލު ކުރުމުގެ ރަސްމިއްޔާތު – ފޮޓޯ: އެންވާރްމަންޓް މިނިސްޓްރީ

މި ދެ ރަށުގެ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތަށް ހުށަހަޅާފައިވާ ޖުމްލަ އަގަކީ 22,281,512.70ރ (ބާވީސް މިލިޔަން ދުއިސައްތަ އަށްޑިހައެއް ހާސް ފަސް ސަތޭކަ ބާރަ ރުފިޔާ ހަތްދިހަ ލާރި) އެވެ.

މި މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ ތާރީޚަކީ ކޮންޓްރެކްޓްގައި ސޮއިކުރާ ތާރީޚުން ފެށިގެން ނުވަ މަސް ދުވަހެވެ.

އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޠާރިޤު ވިދާޅުވީ ގއ. ގެމެނަފުށި އަދި ގއ. މާމެންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް ކޮންޓްރެކްޓަރ އަވަހަށް ނިންމައިދޭނޭކަމަށް އުއްމީދުކުރައްވާ ކަމަށާއި ނަރުދަމާގެ މަސައްކަތް ކުރަމުންދާއިރު ރައްޔިތުންނަށް ކޮންމެވެސްވަރެއްގެ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ފެނާއި ނަރުދަމާ ރަށް ރަށުގައި ގާއިމުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުން ކަމަށާއި އަދި އެކަމުގައި ބޮޑެތި ކާމިޔާބީތަކެއް ދަނީ ލިބެމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދެރަށުގެ ނަރުދަމާގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލު ކުުރުމުގެ ރަސްމިއްޔާތުގައި ގެމަނަފުށީ ދާއިރާގެ މަޖިލިސް މެންބަރު ޖަމީލު އުސްމާނު އާއި ދާންދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙުމަދު އަސްއަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ދައުލަތުގެ ކެރިފޯރުންތެރިކަން ނެތުމުން ތަރައްޤީއަށް މަސައްކަތް ނުކުރެވޭ ވާހަކައަކީ، އިރެއްގައި އަޑުއަހާފައިވާ ވާހަކަށްވީނަމަވެސް މިހާރު އެބާވަތުގެ ވާހަކައެއްގެ ދެކެވެމުން ނުދެއެވެ. އެހެނީ، ތަރައްޤީ އޭ ކިޔައިގެން މިހާރު މިދެކެވޭ ވާހަކަތަކަކީ، ޙަޤީޤަތެއްގެ މައްޗަށް ދެކެވޭ ވާހަކަތަކެކެވެ. އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޠާރިޤު ވިދާޅުވީ ގއ. ގެމެނަފުށި އަދި ގއ. މާމެންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް ކޮންޓްރެކްޓަރ އަވަހަށް ނިންމައިދޭނޭކަމަށް އުއްމީދުކުރައްވާ ކަމަށާއި ނަރުދަމާގެ މަސައްކަތް ކުރަމުންދާއިރު ރައްޔިތުންނަށް ކޮންމެވެސްވަރެއްގެ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.