ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފޮރިން ސެކްރެޓަރީގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ފޮރިން ސެކްރެޓަރީގެ މަގާމުން އަބްދުލްޣަފޫރް މުހައްމަދު ވަކިކޮށް، އެ މަގާމަށް ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު އަހްމަދު ލަތީފް އައްޔަންކޮށްފައިވާ ކަމަށެވެ.

މި ބަދަލާއެކު ޣަފޫރު ހަމަޖައްސާފައި ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށެވެ.

ޖަރުމަނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި ލަތީފް އަނބުރާ ގެނެސް، އެ މަގާމަށް އައިޝަތު ޝާން ޝާކިރު އައްޔަން ކުރަން ސަރުކާރުން ނިންމައި އެކަމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މީގެ ދުވަސްތަކެއް ކުރިން ވަނީ ހުށަހަޅައިފައެވެ.

ފޮރިން މިނިސްޓްރީން ކުރިން ބުނި ގޮތުގައި އެ ބަދަލު ގެނައީ ލަތީފްގެ ދައުރު ހަމަވާތީއެވެ.

ފޮރިން ސެކްރެޓަރީ އަކީ ފޮރިން މިނިސްޓަރާ ޖެހިގެން ދެން ހާރިޖިއްޔާގެ އެންމެ އިސް މަގާމެވެ.