ފުވައްމުލަކުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ޑައިވަރު މުހައްމަދު ސައީދު (ސައިޓޭ) ހޯދަން ހެލިކަޕްޓަރު ބޭނުން ކުރަން ފަށައިއެވެ.

ފުވައްމުލައް ސީޓީގައި ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު "ޓައިގާ ޝާކް" ޕޮއިންޓަށް ޑައިވިންގ އަށް ފޭބި ސައިދު ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ އިއްޔެ މެންދުރު ފަހު 3:36ގައެވެ. ސައީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯޓް ސްކޮޑްރަންގެ ސިފައިން ހުއްޓުމެއްނެތި އަދިވެސް ދަނީ ކުރަމުންނެވެ.

އެގޮތުން، އޭނާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑު އަޑިން ހޯދަމުންދާއިރު، ކޯސްޓްގާޑް ހާބަރ ޕެޓްރޯލް އުޅަނދުން ކަނޑުގެ ސަރަހައްދު ބަލަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެފައެވެ.

އަދި އޮޕަރޭޝަން އިތުރަށްފުޅާކޮށް، އެމްއެންޑީއެފް ޑޯނިއާއާއި ހެލިކޮޕްޓަރު ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުުވިއެވެ.

އޭނާ ފީނަން ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއްކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެކަމަށް ވިދާޅުވިއެވެ.

އިއްޔެ 2:30 ހާއިރު ޑައިވިންގއަށް ފޭބި ސައީދަކީ ތަޖުރިބާ ކާރު ޑައިވަރެކެެވެ. އޭނާ ރަށުގައި ޑައިވް ސެންޓަރެއް ހިންގައެވެ.