ސަރުކާރުން ބޭނުންވާ ނޫސްތަކަށް ގަވާއިދާއި ގާނޫނާ ޚިލާފަށް ފައިސާ ބެހުމަކީ ނޫސްވެރިކަން އަޅުވެތިކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމު ވިދާޅުވެއްޖެއެވެ.

އުޝާމް އެގޮތަށް ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތު ހުރި ގޮތް ބެލުމަށް ފަހު އެ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަން ކަން އޮތް މިންވަރު ވަޒަންކޮށް، ޕޯޓާސް ވިތައުޓް ބޯޑާސްއިން ނެރޭ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަނަރަ ދަރަޖަ ދަށަށް ސޮއްސާލުމުންނެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއަށް ދީފައިވާ ދަރަޖަ ދަށްކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި ނޫސްތަކަށާއި ޓީވީ ޗެނަލްތަކަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފައިސާ ބެހުން ހިމެނެއެވެ.

އަދި މީހުން ނުކިޔާ އަދި ނުބަލާ ނޫސްތަކާއި ޗެނަލްތަކަށް ފައިސާ ދިނުމާއި، ފައިސާގެ ބަދަލުގައި ބައެއް ރިޕޯޓުތަކާއި ޚަބަރުތައް ޝާއިއުކުރުން މަނާކުރުމާއި ޝާއިއުކުރާ ބައެއް ޚަބަރުތައް ނެގުމަކީވެސް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ސޮއްސާލި ސަބަބުތަކުގެ ގޮތުގައި ފާހަގަކުރި ބައެއް ކަންކަމެވެ.

މީގެއިތުރުން އިވެންޓުތަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޕްރޮމޯޓުކުރުމަށް ނޫސްތަކަށް ފައިސާ ބަހާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުން ބޭންވާ ގޮތަށް ހަބަރުތައް ގެނެސްދިނުން ޝަރުތުކޮށް ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ސަރުކާރުން ބޭނުންވާ ނޫސްތަކަށް ފައިސާ ބެހުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ދިނުން ނޫން ކަމަށެވެ.

އުޝާމް ވިދާޅުވީ އެގޮތަށް ފައިސާ ދިނުމަކީ ނޫސްވެރިކަން އަޅުވެތިކުރުން ކަމަށެވެ. އަދި އެކަން ޕްރެސް ފްރީޑަމް އިންޑެކްސްއަށް ބަލާލުމުން ވެސް ސާފުވާކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޫޝާ

    ތިޔައީ ހަގީގީ ވާހަކަ ދައްކާ މީހެއްނޫން، އެހެނީ ދުވަހަކު ސަރުކާރުން ހެޔޮކަމެއްގެ ވާހަކަ އޭނަޔަށް ދައްކަން ނޭނގޭތީ.

  2. Anonymous

    ސަރުކާރުން ބުނެގެން ވިޔަސް އުޝާމު ބުނެގެން ވިޔަސް އަހަންމާކަލޯ ބުނގެން ވިޔަސް މީޑިއާއިން މަސައްކަތެއް ކޮށްފިނަމަ އެ މަސައްކަތަށް އުޖޫރަ ދޭންޖެހޭނެ. ކޮންމެ ބަޔަކު ވެސް މަސައްކަތްކުރަނީ އުޖޫރަ ހޯދަން. މަސައްކަތް ކުރެވޭނީ އުޖޫރަ ދީގެން. ސަރުކާރުން ނުވަތަ އެހެން ފަރާތަކުން ބުނާ މަސައްކަތެއް މީޑިއާއަށް ނުކުރެވޭނެ ކަމަށް ބުނާ ޤާނޫނެއް އެބައޮތްތަ؟ ދިވެހި ސަރުކާރާއި ދިވެހި މީޑިއާ ގުޅިގެން ދިވެހިރާއްޖެ ބިނާކުރަންވީ.