ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވުމުގެ ސަބަބުން ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އިން ހުދު ސަމާލު ނެރުނީ ބ. އަތޮޅުން ފެށިގެން އައްޑީ ސިޓީއަށް މިރޭ 9:00 އިން މެންދަމު 2:00 އަށެވެ.

މެޓް އޮފީހުން ބުނީ، އެ ގަޑިތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއަދު އެންމެ ފުރަތަމަ މެޓް އޮފީހުން މޫސުމީ އިންޒާރު ނެރުނީ ދެކުނުގެ އަތޮޅުތަކަށެވެ. އެއަތޮޅުތަކަށް މެޓް އޮފީހުން ވަނީ ތިން ފަހަރު މަތިން ނެރެފައިވާ ހުދު ސަމާލު ދަންމާލާފައެވެ.

ދެކުނަށް ކުރަމުން އަންނަ ވިއްސާރާގައި ބައެއް ރަށްތަކުގެ މަގުތަކުގައި ފެންބޮޑުވެ އާންމުންނަށް އަންނަނީ ދަތިތައް ކުރިމަތިވަމުންނެވެ.

ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ދަތުރުތައް ކުރުމަށް އިލްތިމާސް ކޮށްފައެވެ.