އެމްޑީޕީ ޗެއާޕާސަންކަމަށް ވާދަ ކުރާ ކެންޑިޑޭޓުންގެ މެދުގައި ރާއްޖެ ޓީވީން މާދަމާ ރޭ ބާއްވަން ހަމަޖެހިފައި އޮތް ބަހުސްގައި ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ބައިވެރި ނުވާނެ ކަމަށް ބުނެފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ވަރަށް ގަދައެވެ. މި އިންތިހާބުގައި އިންތިއާ ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއެވެ.

ފައްޔާޒްގެ ޓީމުން ބުނީ، ރާއްޖެ ޓީވީން މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ލައިވް ބަހުސްގައި އެމްޑީޕީ ހިންގާލަން ކެންޑިޑޭޓް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އެ ޓްވީޓަށްފަހު ކުރި އިތުރު ޓްވީޓެއްގައި އެ ޓިމުން ބުނީ، ވާދަވެރި ކެންޑިޑޭޓަށް ވަގުތު ދެވެން ނެތިގެން މާދަމާ ރޭ ބަހުސް ނޯންނާނެ ވާހަކަ ރާއްޖެ ޓީވީން އަންގާފައި ވާ ކަމަށެވެ.

އެކަމާއި ގުޅިގެން އިންތިގެ ކެމްޕެއިންގައި އިސް ކޮށް ހަރަކާތްތެރިވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު މިއަދު ވިދާޅުވީ ކެންޑިޑޭޓުންގެ ބަހުސެއްގެ ތާރީހާއި ގަޑި ކަނޑައަޅާނީ ހުރިހާ ކެންޑިޑޭޓުން އެއްބަސްވާ ގޮތަކަށް، ބަހުސް އިންތިޒާމްކުރާ ފަރާތުން ކަމަށެވެ.

"އެކަން ކުރާނީ އެތަނުން އެއް ކެންޑިޑޭޓުގެ ކެމްޕެއިން މެނޭޖަރެއް ނޫން" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންވެސް ދަނީ އެކި ރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރައްވަމުންނެވެ. މިވަގުތު އިންތި ހުންނެވީ މާލެ އިން ބޭރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަނު

    އެކަކު އަނެކެގެ ފަތިފުކިޔާދީފަ ބަހުސް ނިމާލާ ވޯޓްސޮރީ ތިހަމަ އެއް ގަހުގެ ދެނިރު

  2. ލޮލް

    އަނހަ ރަމްޒު! ކިހިނެއް ތިހެދީ؟ މިހާވަރަށް ފޯރި އަރުވާލާފައި ބަހުސް ކެންސަލްކުރާކަށް ނުވާނެއެއްނު. އަނެއްކާ މަނިކުފާނުވެސް ތިލަފަތް ދޫކޮށްލާފައި ފަޔާ ބުރޯއާއެކު ހިންގާލަން ނިކުންނަވަނީތޯ؟

  3. ރަން ރީނދޫ

    މަށެއް ދެނެއް ބަހުސް ގައި ބައިވެރި ނުވާ މީހަކަށް ވޯޓެއް ނުލާނަން. ނިކަން ބަލާބަލަ ސޯލިހް މިސާލަކަށް. އެކަލޭގެ ވެސް ބަހުސް އަށް ނުދިޔަ. މިހާރު ތާ މި އެނގެނީ ފެންވަރެއް ނެތީމަކަން ނުދިޔައީ.

  4. ދޯކާ

    ތީގެންވެސް އެނގެނީ އިންތިގެ ފިނޑިކަން / މެނޭޖަރުންނަށްވެސް
    ނުވާކަން /