ދެކުނު އަންޑަމަން ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތަކާއި، ބެންގާލްގެ ދެކުނު އިރުމަތީ ބޭ އޮފް ބެންގާލްގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި އެފެދުނު ލޯ ޕްރެޝަރެއްގެ ބާރުގަދަވެ، ތޫފާނަކަށް ބަދަލު ވެއްޖެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާ (އައިއެމްޑީ) އިން ބުނެފިއެވެ.

އައިއެމްޑީ އިން ބުނީ އެ ތޫފާނަށް ދީފައިވާ ނަމަކީ ތުފާން "އަސަނި" އެވެ. އެއީ ލަންކާއިން ދީފައިވާ ނަމެކެވެ. މާނައަކީ "ރުޅި" އެވެ.

ތޫފާން އަަސަނި އުފެދި އޭގެ މިސްރާބު ހުރީ އިންޑިއާގެ އަންދުރަ ޕްރަދޭޝާއި އޮޑީޝާ ގުޅޭ ހިސާބުގެ އައްސޭރިއަށް ކަމަށް ވެސް އައިއެމްޑީ އިން ބުނެ އެވެ.

އެ ތޫފާން ސީދާ އިންޑިއާއަށް އަރާފާނެކަމަށް ނުބެލެވުނު ނަމަވެސް އައްސޭރިފަށާއި ގާތްވާނެތީ އިންޑިއާއަށް އަސަރުތަކެއް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުނެ އެވެ.

އައިއެމްޑީ އިން ބުނީ އެ ތޫފާން ބާރުގަދަ ތޫފާނަަކަށް މިއަދު ހަވީރު ނުވަތަ މިރޭ ބަދަލުވާނެ ކަމަށާއި އަދި ބާރު ދަށް ތުފާނެއްގެ ކެޓަގަރީއަށް އަލުން ދާނެކަމަށް އަންދާޒާ ކުރަނީ 11 ވަނަ ދުވަހުން ކަމަށެވެ.

އެ ތޫފާނުގެ އަސަރު ނުސީދާގޮތެއްގައި ރާއްޖެއަށް ކުރާކަމަށް ރޭގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފަ އެވެ. ތޫފާންގެ ނުސީދާ އަސަރު ރާއްޖެ އަށް ކުރަން ފެށުމުން މުޅި ރާއްޖެ ހިމެނޭހެން ވަޔާއި ކަނޑު ގަދަވާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މ

    ތީ ހުޅަނގު ކެތީގެ ވިއްސާރަ މިހާރު ސުމާޓުވީމަ އެނގެނީ . އިހުގެ މުސްކުޅިން މާވަރުގަދަ

  2. ހާމިދު ޝާހިދު

    މި ދެ ތޫގާނުން ރާއްޖެއަށް ކޮށްފާނެ އަސަރަކީ ކޮބައިތޯ އެބަ ބުނެދޭންޖެހޭ. ސަމާލުވާންވީ ކަންކަން ކިޔައިދޭން އެބަޖެހޭ.

  3. Mr.bean

    އިންޑިޔާ އަށް ތޫފާނުގެ އަސަރު ކޮށްފިއްޔާ ހާދަ ރަނގަޅޭ.