ޏ.ފުވައްމުލަކު ނެރުކައިރިއަށް ޑައިވްކުރަނިކޮށް ގެއްލުނު މުޙައްމަދު ސަޢީދު ހޯދުމުގެ މަސައްކަތް ސިފައިން ހުއްޓާލައިފިއެވެ.

އެމްއެންޑީއެފް އިން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާާޅުވީ ފުވައްމުލަކު ނެރުކައިރިއަށް ޑައިވްކުރަނިކޮށް ގެއްލުނު މުޙައްމަދު ސަޢީދު ހޯދުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށެވެ.

މެއި 2 ވަނަ ދުވަހު ފުވައްމުލަކު ބޭރުން ޑައިވްކުރަނިކޮށް ގެއްލުނު މުޙައްމަދު ސަޢީދު ހޯދުމަށް ކުރިއަށް ގެންދިޔަ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަން އެމްއެންޑީއެފް ކޯސްޓްގާޑުން މެދުކަނޑާލިއިރު އޭނާ ހޯދަން ގިނަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ.

މުޙައްމަދު ސަޢީދު ހޯދުމަށް ކޯސްޓްގާޑުގެ ސިފައިން ވަނީ ހަތް ދުވަހުގެ ތެރޭގައި، ވައިގެ މަގުން 2960 ސްކެއަރ މޭލު، ކަނޑުގެ މަގުން (ސާރފޭސް ސަރޗު) 760 ސްކެއަރ މޭލު އަދި ކަނޑުގެ އަޑިން 1000 މީޓަރުގެ (ފުންމިން 85 މީޓަރު) ސަރަހައްދެއް ބަލާފައެވެ.

މުހައްމަދު ސައީދު ހޯދަން ކުރަމުން އަންނަ މަސައްކަތުގައި އަދި ކުރިއެރުމެއް ލިބިފައި ނެތް ނަމަވެސް އޭނާ ހޯދަން ޑައިވް ކުރި ސަރަހައްދުން ވަނީ އޭނާ މަސް ހިފަން ބޭނުންކުރި އާލާތަކާއި ޑައިވް ބެލްޓެއް ފެނިފައެވެ.

މުހައްމަދު ސައީދާއި އެކު އުމުރުން 19 އަހަރުގެ ޒުވާނަކު ވެސް ޑައިވް ކުރިއެވެ. އޭނާގެ ހާލު ސީރިއަސް ވެގެން މިހާރު ވެސް ފަރުވާ ދެމުން އެބަގެންދެއެވެ.