އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރާ ދެ ބޭފުޅުން ކަމަށް ފައްޔާޒް އިސްމާއީލްއާއި އިމްތިޔާޒް ފަހުމީގެ ބަހުސް މި މަހު 12 ވަނަ ދުވަހު ބާއްވަން "ސަންގު ޓީވީ" އިން ނިންމައިފި އެވެ.

ވާދަވެރިކަން ބޮޑުވެފައިވާ ޗެއާޕާސަންގެ އިންތިހާބުގެ ބަހުސް ކުރިއަށް ގެންދަނީ ސަންގު ޓީވީ އިން މި މަހުގެ 12 ވަނަ ދުވަހުގެ ރޭ 21:00 ގައެވެ.

މިއީ ދެ ކެނޑިޑޭޓުން އެއް ސްޓޭޖަކަށް އަރައި ފުރަތަމަ ފަހަރަށް ބަހުސް ކުރާ ފަހަރެވެ. އެ ބަހުސް ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ސަންގު ޓީވީއިން ވަނީ ހުޅުވާލާފަ އެވެ. ބަހުސް ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކުން 9309000 އަށް ގުޅުމަށް ސަންގު ޓީވީއިން ވަނީ އެދިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރާ ދެކެނޑިޑޭޓުންގެ ފަރާތުން ވެސް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އަންނަނީ ބަހުގެ ހޫނު ހަމަލާތައް ރައްދުކޮށް، ބޮޑެތި ތުހުމަތުތައް ވެސް ކުރައްވަމުންނެވެ.

އިންތިހާބާއި ގުޅިގެން އެމްޑީޕީގައި ވަނީ ދެފެކްޝަން އުފެދިފައެވެ. އެއީ ރައީސް ނަޝީދުގެ ފެކްޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނެވެ. ރައީސް ނަޝީދުގެ ތާއީދު އިމްތިޔާޒް ފަހުމީއަށް އޮތްއިރު ރައީސް ސޯލިހް ތާއީދު ކުރައްވަނީ ފައްޔާޒު އިސްމާއީލް އަށެވެ.

ޗެއާޕާސަންގެ އިންތިހާބު ބާއްވަނީ މި މަހުގެ 14 ވަނަ ދުވަހުގަ އެވެ.